ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގެ ރައީސްއަށް ހާއްސަކޮށްފައިވާގެ ގެކޮޅު މުރައިދޫގެއަށް ބަދަލުވެވަޑައިގަންނަވަން ނިންމަވައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް އަބްދުއްރަހީމް ވަނީ އެމަނިކުފާނު މުރައިދޫގެއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން އެ ގެކޮޅުގެ ބައެއް މަގާމުތަކަށް ބަދަލުތަކެއް ގެންނަން ސިޓީއަކުން އާންމު ކޮމިޓީގެ މުގައްރިރު ހުޅުދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއަށް ހުށަހަޅުއްވައިފަ އެވެ.
އެގޮތުން އެއް މަގާމުގެ ނަން ބަދަލުކުރުމަށް ނިންމަވާފައި ވާއިރު، 4 މަގާމެއް އުވާލައި، އެ މަގާމުތަކުގެ ބަދަލުގައި 4 މަގާމެއް އުފެއްދުމަށް ކޮމިޓީއަށް ފޮނުއްވާފައިވެއެވެ. މަޖިލީހުގެ ރައީސްގެ މި ހުށަހެޅުން އާންމު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ ތާއީދާއެކު ވަނީ ފާސްކޮށްފައެވެ.
އެ ކޮމިޓީގައި އިސްދޫ ދާއިރާގެ މެމްބަރު އިސްމާއިލް ޝަފީއު ވިދާޅުވީ މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅު މަރާމާތުކުރުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.
މަޖިލީހުގެ ރައީސް ހުންނެވުމަށް މުރައިދޫގެ ހާއްސަކޮށްފައި ވަނީ މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުގެ އިސްވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ގާނޫނަށް ގެނައި އިސްލާހާއެކުއެވެ.


