ސަރުކާރާ ދެކޮޅަށް އެމްޑީޕީއާ ގުޅިގެން ވެސް މަސައްކަތްތަކެއް ކުރުމަށް ފަހުގައި ސަރުކާރާ އެކުގައި މަސައްކަތްކުރަން ދަ ޑިމޮކްރެޓްސް ޕާޓީގެ އިސް ބޭފުޅުންތަކެއް އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެގެ ވަގުތެއްގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ޑިމޮކްރެޓުންގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ރައީސް ހަސަން ލަތީފް އެވެ. ޑިމޮކްރެޓުންގެ ނައިބް ރައީސް މުހައްމަދު ޝިފާޒުވެސް މިބައްދަލުވުމުގައި އިންނެވި އެވެ.
މައުލޫމާތު ލިބޭގޮތުގައި މިއީ އެ ޕާޓީގެ އިސް ބޭފުޅުންނާއި ރައީސް ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ.
މި ބައްދަލުވުމުގައި ޑިމޮކްރެޓުން ވަނީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް އިއުލާނުކުރައްވާފައި އޮތުމުން އެ މަސައްކަތުގައި ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާކަން ހާމަކޮށްފައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މީގެކުރިންވެސް ޑިމޮކްރެޓުންގެ ރައީސް ހަސަން ލަތީފް ވަނީ ރައީސް މުއިއްޒުއާ އެއްފަހަރު ބައްދަލުކުރައްވާފަ އެވެ. ނަމަވެސް މިފަދަ ބައްދަލުވުންތަކުގެ މައުލޫމާތު ޕާޓީގެ އިސް ބޭފުޅުންނާ ހިއްސާ ނުކުރައްވާ ކަމުގެ ކަންބޮޑުވުންތައް ބައެއް ބޭފުޅުން ސޯޝަލްމީޑިއާގައިވެސް ފާހަގަކުރައްވާފައިވެ އެވެ.


