އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑެމުންދާތީ، އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ ރައްޔިތުންގެ ބޮޑު އާބާދީއެއް އޮތް އައްޑޫގެ ރައްޔިތުންނަށް ކަރަނޓު ކެނޑޭ މައްސަލައިގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަށެވެ. އަދި ނިވިދިއްލޭ ބޮއްކެއްހެން ހިދުމަތް ދިނުމުގެ ސަބަބުން، ވިޔަފާރިތަކަށް އޭގެ އަސަރުކޮށް ގޭގައި ހިފާ ގެންގުޅޭ ސާމާނަށް ވެސް ގެއްލުންވަމުންދާކަމަށް ނާޒިލް ހުށަހެޅި މައްސަލައިގައި ވެއެވެ.
އެ ކުއްލި މައްސަލައަށް ބަހުސްކުރުމަށް މަޖިލީހުގެ ތަޅުމުން ނެގި ވޯޓުގައި އެ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 57 މެންބަރުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މައްސަލަ ހުށަހެޅުއްވުމަށް ފަހު ނާޒިލް ވިދާޅުވީ ކަރަންޓުގެ މައްސަލަ ދިމާވާން މެދުވެރިވީ، ފެންކަ މައި އޮފީހުގެ ވެރިންގެ އިހުމާލުން ކަމަށެވެ. މިދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ފެނަކައިން މެޝިނަރީތައް އެއްވެސް މިންވަރަކަށް މެއިންޓަނެންސް ނުކުރާކަމަށް ނާޒިލް ވިދާޅުވި އެވެ. އަދި އެކަން އެންމެ ރަނގަޅަށް އެނގޭނީ އައްޑޫގެ ރައްޔިތުންނަށްކަމަށާއި، ފެނަކައަށް ބޭނުންވާ އެއްވެސް އިކުއިޕްމެންޓެއް ވެސް ނުލިބޭކަން އެ ރައްޔިތުން ދަންނާނެކަމަށް ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ، ގާތްގަނޑަކަށް 30،000 އެއްހައި ރައްޔިތުން ވޭތުވެދިޔަ ތިން ވަރަކަށް ދުވަހު ތިބީ ކަނު އަނދިރީގައި ކަމަށެވެ. އަދި މީގެ ހަ ދުވަސް ކުރިން މ. މުލިން ކަރަންޓު ކެނޑުނު މައްސަލަ ވެސް ނާޒިލް ފާހަގަކުރައްވާފައެވެ. އަދި، އެއީ އައްޑޫ ސިޓީއަށް އެކަނި ދިމާވާ ހާލަތެއް ނޫން ކަމަށް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ހާލަތު ގޯސްވެފައިވާ މިންވަރަކީ، ސަޕްލައި ފެން ނުގުޅައި ހުރި ގެތަކަށް ކަރަންޓާއި އެކު އެ ހިދުމަތް ވެސް ނުލިބޭކަމަށެވެ. މިއީ މި ސަރުކާރަށް ލިބޭ ހަޑި ނަމެއްކަމަށާއި ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް މިކަން ތަކުރާރުވާ މަންޒަރު ކުރިޔަށް އޮތްތަނުގައި ފެނުމުގެ ފުރުސަތު ބޮޑުކަމަށް ނާޒިލް ވިދާޅުވި އެވެ.


