ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށައިފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން އިއްޔެ ފެށި މަސައްކަތުން އެކި ސަރަހައްދުތަކުން 10 ވެހިކަލެއް ނަގާފައިވާ ކަމަށެވެ.
އަދި، ކުރިއަށް އޮތްތަނުގައި ވެސް، ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމާއި އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށެވެ.
ފުލުހުން ބުނީ މަގުމަތީގެ ރައްކާތެރި ކަމަށް ކުރާ މަސައްކަތުގެ ތެރެއިން، ސައްހަ ނޫން ރަޖިސްޓްރީ ހަދައިގެން ދުއްވާ އުޅަނދުތައް ހޯދައި ފިޔަވަޅު އެޅުމުގެ ކަންކަން ވެސް ކުރަމުން ގެންދާނެ ކަމަށެވެ.
ރަޖިސްޓްރީ ނުކުރާ ކާރުތައް ޕާކުކޮށް، ހުޅުމާލޭގައި ކާރު ޕާކުކުރަން ހުރި ޖާގަތައް ފުރާލާފައި އޮންނަ މައްސަލަ ބޮޑުވެ، މި ފަހުން އާންމުންގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.


