މާލޭގެ މަގުތައް އަމާން ކުރުމަށާއި ތޮއްޖެހުން ހައްލު ކުރަން ހިންގާ "މާލެ ފަހި" ޕްރޮގްރާމް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވައިފިއެވެ.
މިއީ ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ރާވައި ތަންފީޒުކުރާ ޕްރޮގްރާމެކެވެ.
ރައީސް އެ ޕްރޮގްރާމު އިފުތިތާހުކޮށްދެއްވީ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ. މާލެފަހި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވުމަށްފަހު ރައީސް ވަނީ "މާލެ ފަހި" ޕްރޮގްރާމުގެ ފޮތް ނެރެދެއްވައިފައެވެ.
ރޭ އިފްތިތާހުކުރި މާލެ ފަހި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެއީ:
- ޤާނޫނާއި ގަވާއިދުގެ ތެރެއިން ވެހިކަލް ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން
- ޕަބްލިކް ޓްރާންސްޕޯޓްގެ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުން
- މަގުތަކަކީ ދަތުރުފަތުރާއި ހިނގައި ބިނގާވެއުޅެން ރައްކާތެރި އަދި ފަސޭހަ އަމާން ތަންތަނަށްހެދުން
މީގެ ކުރިން ވެސް އިދާރާތަކުން ގުޅިގެން މާލޭގެ ތޮއްޖެހުން ހައްލުކުރުމަށް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ ގިނަ އުޅަނދުތަކެއް ވަނީ ނައްތާލާފައެވެ.


