Tuesday, 28 July 2026

ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހީން ސަމާލުވާން އިލްތިމާސްކޮށްފި

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ހާރިޖީ ވުޒާރާއިން މިއަދު ވިދާޅުވީ، ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް އިލްތިމާސްކުރާކަމަށާއި އެގޮތުން، ބަންގްލަދޭޝް ސަރުކާރުގެ އިރުޝާދާއި އެއްގޮތަށް މި ދަނޑިވަޅު ބޭރަށް ނުކުމެ ނޫޅުމަށެވެ. ހާރިޖީ ވުޒާރާއިން ވަނީ ތަކުރާރުކޮށް ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އަދި އެކަމާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުމަށް އެދޭކަމަށެވެ. އެގޮތުން،(+) 8801329748885 (+) 8801708120318 ނަމްބަރު ނުވަތަ ކޮމިޝަނުގެ އީމެއިލް މެދުވެރިކޮށް އީމެއިލް އެޑްރެސްadmin@maldivesbd.org އެހީތެރިކަމަށް އެދެވޭނެކަމަށް ހާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ބަންގްލަދޭޝްގެ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން މުޒާހަރާ ކުރަމުން އަންނަނީ ސަރުކާރުގެ ވަޒިފާތަކަށް ކޯޓާ ކަނޑައަޅާ ނިޒާމާ ދެކޮޅަށް ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ. އެ ނިޒާމުގައި އޮންނަ ގޮތުން، ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން ތިންބައިކުޅަ އެއް ބައި ލިބެން ޖެހޭނީ 1971ގައި ގައުމުގެ މިނިވަން ކަމަށް ހަނގުރާމަކުރި މީހުންގެ ދަރިންނަށެވެ.

މުޒާހަރާތަކުގައި މިޙާތަނަށް ބަންގްލަދޭޝްގެ 39 މީހުން ވަނީ މަރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *