ރާއްޖެއިން ތައިލޭންޑަށް ދަތުރުކުރާ ދިވެހީންނަށް ދެން ވިސާ ނެގުމަކައިނުލައި 60 ދުވަހު ތައިލޭންޑުގައި ތިބެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
މީގެ ކުރިން އެ ގައުމަށް ދާ ދިވެހިންނަށް ލިބެނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާއެކެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ތައިލެންޑުގެ އިމިގްރޭޝަން އުޞޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، މި މަހު 15 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް ތައިލެންޑް ސަރުކާރުން ހަމަޖައްސައިފައިވާ ކަމަށެވެ.
މުއްދަތު އިތުރު ކުރަން ބޭނުންވެއްޖެ ނަމަ ވިސާ ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެއާއެކު އެ މިނިސްޓްރީންވަނީ ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސެއް ހޯދުމުގެ މުހިއްމުކަމާއި ،ރާއްޖެއިން ބޭރުގައި އުޅޭއިރު އެ ޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް އިލްތިމާސްކޮށްފައެވެ.


