Tuesday, 28 July 2026
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަވަރުނަރުގެ މަޤާމުން ޙާޝިމް ވަކިކުރަން ކޮމިޓީން ފާސްކޮށްފި

މަރުކަޒީ ބޭންކުގެ ގަވަރުނަރު ޢަލީ ޙާޝިމް މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، އެކަމަށް ގަވަނަރުގެ ހައިސިއްޔަތުން ހާޝިމްގެ ފަރާތުން ދޭން ޖެހޭ އެއްވެސް ލަފައެއް އަދި އިރުޝާދެއް އަރުވާފައި ނުވާތީ މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމާފައިވަނީ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިނުވާކަމަށް ބުނެ، ގަވަރުނަރުގެ މަޤާމުން ޢަލީ ޙާޝިމް ވަކިކުރެއްވުމަށް މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއާ ގުޅިގެން އެމައްސަލަ ދިރާސާކުރުމަށް އެކޮމިޓީއަށް ފޮނުވުމުން، ޖަވާބުދާރީ ވުމުގެ ފުރުޞަތު ގަވަރަނަރަށް ދެއްވުމަށްފަހުގައެވެ.

އެ މައްސަލައިގައި ދެ ފަހަރެއްގެ މަތީން ފުރުސަތު ދީ، ކޮމިޓީއަށް ހާޒިރުވާން ހާޝިމަށް އެންގި ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން ބައްދަލުވުމަށް ވަޑައިނުގެންނެވޭނެކަމަށް އެންގެވި އެވެ. އެކަމަކު މިއަދުގެ 11:00 އަށް ބައްދަލުވުން ތާވަލު ކުރީ އެންމެ ފަހު ފުރުސަތުކަމަށް ނިންމުމަށް ފަހު އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މެންބަރު ނާޒިމް، ގަވަރުނަރު މަޤާމުން އަލީ ޙާޝިމް ވަކިކުރުމަށް އެ ހުށަހެޅުއްވުމުގެ ކުރިން ގަވަރުނަރު އަދާކުރަން ޖެހޭ ޒިންމާތައް އަދާ ނުކުރާ ކަމަށް ބުނެ، އިދާރާތަކުން ދިފައިވާ ޖަވާބުތައްވެސް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެމްއެމްއޭއިން ހަދަން ޖެހޭ ޤަވާއިދުތައް އަދާހަމަ ނުކުރުމާއި، މާލީ ވުޒާރާއާއި އެމްއެމްއޭ ދެމެދު އެކަށީގެންވާ ވަރަށް މަޝްވަރާ ނުކުރެވި ކަންކަން މިހާތަނަށް ނިންމިފައި ހުރިކަން ފާހަގަކުރެއްވިއެވެ.

އެހެން ކަމުން އެމްއެމްއޭގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގެ ޤާބިލީއްޔަތުކަން މިހާރުގެ ގަވަރުނަރު އަލީ ހާޝިމް ގައިގައި ނެތްކަން ކޮމެޓީއަށް ސާބިތުވާކަމަށާއި، އެއާއެކު ގަވަރުނަރު މަޤާމުން ވަކިކުރުމަށް ރައީސުލްޖުމުހޫރިއްޔާއަށް ލަފާ ދެއްވުމަށް ނާޒިމް ހުށަހެޅުއްވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *