ތިން އަތޮޅަކަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް ދޭން ފަށަން އެމްޓީސީސީއާއެކު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
އާރުޓީއެލްގެ ހިދުމަތް އިތުރު ތިން އަތޮޅަކަށް ފުޅާކުރުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދު އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހުމަދު ޝަހީމެވެ.
މިއަދު ވަނީ މ. އަތޮޅާއި މާލެއާ ދެމެދު ވަނީ ހައިސްޕީޑް ފެރީގެ ހިދުމަތްވެސް ފަށައި އެއްބަސްވުމުގައި ސޮއކޮށްފައެވެ. ހައި ސްޕީޑް ފެރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު ދެ ދުވަހު އެވެ. އެ ހިދުމަތަށް ނަގާ އަގަކީ 450ރ. އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ، މިހާރު އެމްޓީސީސީގެ އާރުޓީއެލް ދަތުރުތައް އަތޮޅުތަކުގެ ތެރޭގައި ކުރަމުން ދިޔަ ނަމަވެސް، މ. އަތޮޅުން މާލެ އައުމުގެ ދަތިކަން ރައްޔިތުންގެ ފަރާތުން ޝަކުވާއެއްގެ ގޮތުގައި ލިބޭ ކަމަށެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކޮށްފައި އޮތީ ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް ކުރާ ގޮތަށެވެ. އެ ހިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ގެންދިއުމަށް ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.


