އެމްޑީޕީއިން ރިޔާސީ އިންތިހާބުގަ މޯލްޑިވިއަނުން ކުރި ދަތުރު ތަކަށް ޗާޓާކުރި ދަތުރުތަކަށް ލިބެންޖެހޭ 5.6 މިލިއން ރުފިޔާ ނުދައްކައިގެން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މޯލްޑިވިއަން ހިންގާ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، ކެމްޕެއިން ދަތުރުތަކަށް އެމްޑީޕީން ދޭން ޖެހޭ ފައިސާ ނުލިބިގެން އިއްޔެ ކޯޓަށް މައްސަލަ ހުށަހެޅީ، އެ ޕާޓީއަށް އެތައް ފަހަރެއްގެ މަތިން މުއްދަތު ދީގެން ވެސް ފައިސާ ނުދައްކައިގެން ކަމަށެވެ.
"އެމްޑީޕީން ދެވަނަ ބުރަށް ކުރި ކެމްޕެއިން ދަތުރުތަކަށް ފައިސާ ނުދައްކައިގެން އަޅުގަނޑުމެންނަށް އެއްވެސް ގޮތެއް ނެތިގެން އިއްޔެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިން،" އިޔާސް ވިދާޅުވި އެވެ.
އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޫބަރު މަހާއި ހަމަޔަށް އެމްޑީޕީން ނެގި ޓިކެޓާ ޗާޓަރު ދަތުރުތަކަށް ހޭދަވި ފައިސާ އެވެ.
އިޔާސް ވިދާޅުވި ގޮތުގައި، އޭރު ވެރިކަންކުރި އެމްޑީޕީގެ އަތުން އެ ފައިސާ ހޯދުމަށް އެކި ފަހަރު މަތިން ސިޓީ ވަނީ ފޮނުވައިފަ އެވެ. އެކަމަކު އެކި ތާރީހުތައް ދިން ނަމަވެސް މުއްދަތަށް ފައިސާ ދައްކާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ކަންކަން ސާފުކޮށްދޭން އެދިފައިވޭ [އެމްޑީޕީން]. އަދި އެކަން ސާފުކޮށްދީފައި އަޅުގަނޑުމެން މުއްދަތެއް އަނެއްކާ ވެސް ދިނީ. އެކަމަކު އެ މުއްދަތަށް ވެސް އެ ބޭފުޅުންނަށް ފައިސާ ނުދެއްކި،" އޭނާ ވިދާޅުވި އެވެ.
އިޔާސް ވިދާޅުވީ އޭރު އެމްޑީޕީން އެއްބަސްވެފައި އޮތީ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ގޮތަށް ކަމަށެވެ.


