Tuesday, 28 July 2026

ރައީސްކަން ކުރުމަކީ ދޮގު ހަދަން ލިބޭ ލައިސެންސެއް ނޫން – ރައީސް

ފަސް އަހަރު ވެރިކަން ކުރުމަކީ ރައްޔިތުންގެ ކުރިމަތީގައި ދޮގު ހަދަން ލިބޭ ލައިންސެންސެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.

މާފަންނު ހުޅަނގު ދާއިރާގެ ސަރުކާރުގެ ކެންޑިޑޭޓް އަހްމަދު މުސްތަފާ މުހައްމަދުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ފްލެޓް ދިނީ އެއްވެސް ބެލުމެއް ނެތި ކަމަށެވެ. ގޯއްޗާއި ފްލެޓް ދިނީ އެ ސަރުކާރުގައި ރައީސް އޮފީހުގައި ވަކި ލިސްޓެއް ހަދައިގެން ކަމަށާއި އޭސީސީން މިހާރު ވެސް އެބަލަނީ އެ މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާން އެބަހުރި އެބޭފުޅުން އެކަން ކުރި ގޮތް. އެ ބޭފުޅުން ވަކި ލިސްޓެއް ހަދައިގެން ފޯމް ލިޔަސް ނުލިޔަސް ގޯއްޗާއި ފްލެޓް ދިނީ، އެކަން ނޫންތޯ އޭސީސީއިން އެބަލަނީ. އަޅުގަނޑުމެން ވަކި ލިސްޓެއް ހަދައިގެން ވަކި ލިސްޓަކަށް އެ ގޯތިތައް ދޭން ވެގެން އެބަ އުޅެއޭ، ތިމަންނަމެންގެ މެޖޯރިޓީ މަޖިލީހުގައި އޮތީމައޭ އެކަން ނުކުރެވިގެން އުޅެނީއޭ ކިޔައިގެން ދައްކަނީ ހުސް ބުހުތާނު ދޮގު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދޮގު ހަދާ މީހުން ﷲ އަށް ބިރުވެތިވާންޖެހޭ ކަމަށާއި އެމީހުންގެ އަމިއްލަ ނަފުސުތަކަށް އެމީހުން ތެދުވެރިވާންޖެހޭ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދޫކުރަން ނިންމި ގޯއްޗާއި ފްލެޓުތައް "ނުހައްގުން ބަހާނުލެވި އޮތީ" ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީ އަށް އޮތުމުން ކަމަށެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް 2 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،000 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ހުރިހާ އެންމެންނަށް ހެން މިހާރު ވަނީ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. އަދި ބައެއް މީހުންނަށް ބިން ވެސް ހަވާލުކޮށްފައިވެއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *