ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް އިމާރާތްކުރުމާއި ކޮންސްޓްރަކްޝަން މިނިސްޓްރީން އަނެއްކާވެސް އިލްތިމާސްކުރައްވައިފިއެވެ.
މިކަމާއި ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މާލެ ވިލިމާލެ އަދި ވިލިމާލެ ގުޅިފަޅު އޮންނަ ކަނޑު އޮޅިން ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމަކީ އެ މިނިސްޓްރީން މިހާރު ވެސް މަނާކޮށްފައިވާ ކަމެއް ކަމަށެވެ.
ނަމަވެސް އެ ދެ ކަނޑުއޮޅިން އަދިވެސް އުޅަނދުފަހަރު ދަތުރުކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށާއި، ވަކިން ޚާއްސަކޮށް ރިސޯޓްތަކުގެ ސްޕީޑުބޯޓުފަހަރު މިދެ ކަނޑުއޮޅި ބޭނުންކުރަމުން ގެންދާކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި މާލެ ތިލަފުށި ލިންކު މަޝްރޫއުއާ ގުޅޭ ގިން މަސައްކަތްތަކަށް ބާޖު އަދި ސެލްފް އެލެވޭޓެޑް ޕްލެޓްފޯމުތައް ބޭނުންކޮށްގެން މި ދެ ކަނޑުއޮޅީގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.


