ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
އަންހެން ކުއްޖަކަށް ފުލުހުން އަނިޔާކޮށްފައިވާ ބުނެ އެ ކުއްޖާގެ އާއިލާއިން ވަނީ ހުޅުމާލޭ ފުލުސް އޮފީސް ދޮށަށް އެއްވެފައެވެ.
އެތަނުން ހުރި މީހަކު ބުނީ، އެކަމެއް ދިމާވީ ސައިކަލު ދުއްވަން އިން މީހަކު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ދުއްވަން އުޅުމުގެ ތެރޭގައި ކަމަށެވެ.
"ސައިކަލު ދާން ފެށިމާ ޖެހިގެން އިން ޕޯސްޓަށް މަޑުކުރުވާފައި ފަހަތުގައި 17 އަހަރުގެ އަންހެން ކުއްޖާ ގައިގައި ފުލުސް މީހާ ޖެހި ޖެހީނުން އެ ކުއްޖާއަށް ހިނގާ ވެސް ނުލެވިފައި އޮތީ، ދުއްވަން އިނީ ފިރިހެން ކުއްޖެއް، ކުއްޖާ އިނީ ފަހަތުގައި" އެ މީހާ ކިޔައިދިނެވެ.
އެ މީހާ ބުނީ ސައިކަލު މަޑުކުރުވި ސަރަހައްދުގައި ހުރި ވީޑިއޯ ފުޓޭޖްތައް ފުލުހުން ޑިލީޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިފާން ވިދާޅުވީ މިއީ ރޭގެ 22:05 ހާއިރު ފުލުހުން ހުޅުމާލެ ފޭސް 2 ގައި ޤާއިމްކޮށްފައިހުރި ވެހިކަލް ޗެކް ޕޮއިންޓަކާއި އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުން ގެ ގައިން ނައްޓާ ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ހިނގާފައިވާ ހާދިސާއެއް ކަމަށެވެ.
އަދި ސައިކަލްދުއްވާފައިވަނީ ލައިސަންސް ނެތް ފަރާތެއް ކަމަށާއި، ހުޅުމާލެ ހޮސްޕިޓަލުން އަނިޔާވި ފަރާތްތަކަށް ރޭގައި ފަރުވާ ދީފައިވާކަމަށެވެ.


