ހުޅުމާލޭ ފޭސް 2 ގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ރޭ ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ޒުވާނަކު މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވީ ހއ. ހޯރަފުށީ، ފްރެންޒީ، ހުސައިން ޝިފާއު، 27، ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ "އެކްސް" ގައި ވިދާޅުވީ، އެ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ކަރަންޓުގައި ޖެހި ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އެނގިފައިވާގޮތުގައި އެ މީހާ ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
މި ހާދިސާ ހިނގީ ރޭ ފަތިހު 4:50 ހާއިރު އެވެ.
މައުލޫމާތު ލިބޭގޮތުގައި އެ މީހާ އޮތީ ވަރުގަދައަށް ކަރަންޓު ދައުރުވަމުންދާ ޓްރާންސްފޯމަރުގެ ކޭބަލްތަކުގައި ޖެހި ތަތްލާފަ އެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައި ފުލުހުންނެވެ.
މާލޭގެ އެކިއެކި ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ސްޓެލްކޯ އިން އާންމުންގެ ސަމާލުކަމަށް ގެނައީ މީގެ ދެ ދުވަސް ކުރިންނެވެ.
މާލެ އާއި ހުޅުމާލޭގައި ހުރި ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާތީ އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް ފަހުމީ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައިވެ އެވެ.


