ފުލުހުންގެ މުސާރަ މި މަހުން ފެށިގެން 35 ޕަސެންޓަށް ބޮޑުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖުގައި ބުނީ އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން، މަޤާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެއް ކަމަށެވެ.
މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރާއާއިއެކު ފުލުހުންގެ މުސާރަ ބޮޑު ކުރެވުނު ފުރަތަމަ ފަހަރު ކަމަށް ފުލުހުން ބުނެ އެވެ.
މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުންކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތަޢާރަފް ކުރުމުގެ ގޮތުން ކުރިންދެމުން އައި އެލަވަންސްތަކަށް ބަދަލުގެނެވިފައިވާނެ ކަމަށް ފުލުހުން ބުނެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް ޕޭ ކޮމިޝަނުން ވަނީ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑު ކުރުމަށް މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާ ތަކަށް ފޮނުވާފަ އެވެ.
ނަމަވެސް ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުން މި ސަރުކާރުން މި މަހަށް ފަސްކުރީ މިވަގުތު ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުންނެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނަ ބޮޑު ކޮށްދެއްވަން ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.


