Tuesday, 28 July 2026

ޓެލެގްރާމް މެދުވެރިކޮށް ހިންގަމުން ދިޔަ ބޮޑު ކްރައިމް ނެޓްވޯކެއް ސީޒްކޮށް، ދެ މީހަކު ހައްޔަރުކޮށްފި

ކްރައިމްގެ ބޮޑު ނެޓްވޯކެއް ސީޒްކޮށް، ތަފާތު ކުށްތަކަށް ހިތްވަރުދީ، ޓެލެގްރާމް ޗެނަލްތައް މެދުވެރިކޮށް ހިންގަމުން ދިޔަ ދެ މީހަކު ތަހުގީގަށްފަހު ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ،  "ޖަޒީރާ އެޑްމިން"، "ޖަޒީރާ ގާލްސް" އަދި "ޖަޒީރާ ލިންކް ޚަބަރު" ޓެލެގްރާމް ޗެނަލްތައް ތަހުގީގު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެ ޗެނަލްތައް ހިންގަމުން އަންނަ ކަމަށެވެ. އެ ޗެނަލްތަކުގެ ތަހުގީގަށް ފަހު ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެކެވެ.

ހައްޔަރުކުރި ދެ މީހުންނަކީ ވެސް ތިރީގައިވާ ކަންކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ.

  • މަނީ ލޯންޑަރިން
  • މަސްތުވާތަކެތީގެ ވިޔަފާރި ކުރުން
  • ހަށިވިއްކުން
  • ހަށިވިއްކުމަށް ހިތްވަރު ދިނުން
  • ޕޯނޯގްރަފީ އުފެއްދުމާއި ޑިސްޓްރިބިއުޓް ކުރުން

ފުލުހުން އިތުރަށް ބުނީ އެ މީހުންގެ މާލީ މުއާމަލާތްތަކުގައި ވަޒީފާއިން ލިބޭ އާމްދަނީއާ އެއްވަރުނުވާ އަދަދުތައް ހިމެނޭ ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކުރިއިރު ހަތަރު ތަނެއް ބަލައި ފާސްކޮށް މައްސަލައާ ގުޅުން ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ފުލުހުން ބުނީ އަތުލައިގަތް ތަކެތީގެ ފޮރެންސިކް ތަހުލީލެއްކޮށް ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ދެ މީހުންގެ ބަންދަށް ވަނީ 30 ދުވަސް ޖަހާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *