ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކުން ނެރޭ ނޫސް ބަޔާންތައް އަނބުރާ ގެންދަން އަމުރު ނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ނ. ކެނދިކުޅުދޫ ކައުންސިލުން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ. އެކަމާއި ގުޅިގެން އެލްޖީއޭ އިން ވަނީ އެ ބަޔާން އަނބުރާ ގެންދިއުމަށް އެދި ކައުންސިލަށް ސިޓީއެއް ފޮނުވައިފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ ކައުންސިލްތަކަށް ބަޔާންތައް އަނބުރާ ގެންދަން މަޖުބޫރު ކުރުމުގެ ގާނޫނީ ބާރު އެލްޖީއޭއަށް ލިބިގެންވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް އަމަލު ނުކުރުމަށް އެލްޖީއޭއަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެލްޖީއޭއަށް ދެންނެވިން އެބޭފުޅުންނަށް އެގޮތަށް އަމަލު ކުރެވޭނެ ކަމަށް ގަބޫލެއް ނުކުރާކަމަށް" އޭނާ ވިދާޅުވި އެވެ.
ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީއަށް ވޯޓު ދިނުމަށް ރައީސް މުއިއްޒު އިލްތިމާސް ކުރެއްވީ ކައުންސިލުން ބޭއްވި ހަރަކާތެއްގައި އަދި އެ ކައުންސިލްގެ ހުއްދަނެތި ކަމަށެވެ.
އަދި އެ ބަޔާން އަނބުރާ ގެންދިއުމަށް އެލްޖީއޭއިން އެންގި އެންގުމަށް ތަބާވާން ވެސް ދެކޮޅު ހެދި އެވެ.


