މާލެ އާއި ވިލިމާލެ އާއި ވިލިމާލެ އާއި ގުޅީފަޅާއި ދެމެދު ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުފަހަރުގެ ލައިސަންސް ހިފަހައްޓާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީން ދީފި އެވެ.
މީގެ ކުރިން ވެސް ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާއިރު އެ މަގުތަކުން އުޅަނދުފަހަރު ދަތުރު ނުކުރުމަށް މިނިސްޓްރީން ވަނީ އެކި ފަހަރު މަތިން އަންގާފަ އެވެ.
އެހެންނަމަވެސް މިމަގުތަކުން އުޅަނދުފަހަރު ދަތުރުކުރެއެވެ. ހާއްސަކޮށް މި މަގުތަކަކީ އެކި ރިސޯޓްތަކަށް ނިސްބަތްވާ ސްޕީޑްބޯޓުތަކުން ގިނައިން ދަތުރުކުރާ މަގުތަކެއްކަން މިނިސްޓްރީން ފާހަގަކުރެއެވެ.
އެގޮތުން އެ ކަނޑުއޮޅިތަކުން ދަތުރުކުރުން މަނާކުރުމާއެކު ޤަވާއިދާއި ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރުގެ ލައިސަންސް އެއް މަސް ދުވަހަށް ސަސްޕެންޑް ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ބްރިޖްގެ މަސައްކަތްތަކަށް ބޭނުންކުރާ ބޮޑެތި އުޅަނދުތައް ގިނަ އަދަދެއްގެ ބޮއި އާއި ނަގިލި ބޭނުންކޮށްގެން އެ ސަރަހައްދުގައި އެންކަރުކޮށްފައިވާތީ އާންމު އުޅަނދުފަހަރަށް ދިމާވެދާނެ ނުރައްކާތެރި އެކްސިޑެންޓްތަކުން ރައްކާތެރިވުމުގެ ގޮތުން އެ މަގުތަކުގައި ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.
ދާދި ފަހުން ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރި ދެ ސްޕީޑް ބޯޓެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.


