މުވައްޒަފުންނަށް ރަމަޟާން މަހުގެ އެލަވަންސް ދިނުމުގައި ކޭޝްފްލޯ އަށް ބުރޫނާރާގޮތަށް އަމަލުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގައިފި އެވެ.
ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުބުނާ ގޮތުން ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި މުސްލިމު މަސައްކަތްތެރިންނަށް 3،000 ރުފިޔާ ލިބޭނެ ކަމަށެވެ.
އެ ބޯޑުން ބުނީ މުސާރަ ލިބޭ އެއް ވަޒީފާއަށް ވުރެ ގިނަ އިން މަސައްކަތް ކުރާ މީހުންނަށް ރަމަޟާން މަހުގެ އެލަވަންސް ލިބެނީ ޕްރައިމަރީ ވަޒީފާ ދޭ ފަރާތުން ކަމަށާއި އިތުރު ވަޒީފާދޭ ފަރާތުން އެ އެލަވަންސް ދީގެން ނުވާނެ ކަމަށެވެ.
އަދި ރޯދަ މަސް ފެށެންވާއިރަށް ޕޭއިޑް ލީވް ނުވަތަ ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް އެލަވަންސް ނުލިބޭނެ ކަމަށް އެ ބޯޑުން ބުންޏެވެ. ނަމަވެސް ރަމަޟާން މަހު ވަޒީފާއަށް އެނބުރި އަންނަނަމަ އެމީހުންގެ އެލަވަންސް ގުނާނީ ވަޒީފާ އަދާކުރާ ދުވަސްތަކަށް ބަލައިގެންނެވެ.
އެގޮތުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށްފަހު ވަޒީފާއަށް ނުކުންނަ އަލަށް ވަޒީފާ އަދާކުރާ މުވައްޒަފުންގެ އެލަވަންސް ވެސް ގުނާނީ އެ މުވައްޒަފުންގެ ހިދުމަތުގެ ދުވަސްތަކަށް ބަލައިގެންނެވެ.
މީގެ އިތުރުން ރަމަޟާން މަހުގެ އެލަވަންސްގެ ގޮތުގައި މުވައްޒަފުންނަށް 3،000 ރުފިޔާއަށްވުރެ ބޮޑު ނުވަތަ އެއަށްވުރެ ކުޑަ މުސާރައެއް ދީފައިވާ ކުންފުނިތަކުން މާޗް ޕޭރޯލްގައި ހަމަޖެއްސުމަށް ވެސް ޕީސީބީން ވަނީ އަންގާފައެވެ.
އަދި ރަމަޟާން މަހަށް އިތުރު ހަދިޔާ ދޭ ކުންފުނިތަކުން ކޭޝްފްލޯއަށް ބުރޫނާރާނެ ކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް އެ ބޯޑުން ބުންޏެވެ.
މި ސާކިއުލާ އަކީ ސަރުކާރުގެ ހުރިހާ ކުންފުނިތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކަށް ވެސް އަމަލުކުރާ ސާކިއުލާއެކެވެ.


