ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާނެ ގޮތް ބަދަލުކޮށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަވެސް، މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ބާތިލްކޮށް އަލުން އެހެން މާއްދާތަކެއްގައި އެ އިސްލާހުތައް ލިޔެފައިވާތީ، މައްސަލާގައި ބަޔާންކޮށްފައިވާ މާއްދާތައް މިވަގުތު ވުޖޫދުގައި ނެތުމުން ކޯޓަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ބުންޏެވެ.
މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާ އިސްލާހުކޮށް މަޖިލީހުން ފާސްކުރީ ޑިސެމްބަރު 18، 2023 ގަ އެވެ. މި މާއްދާއަށް ގެނައި އިސްލާހުގައިވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރު ކަމުގައި ދެމިތިބި ޖުމްލަ މެންބަރުން ކަމަށެވެ.
ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ގަވައިދަށް ގެނައި އިސްލާހުތައް ބާތިލް ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ މަޖިލީހުން ކަންކަން ނިންމުމުގައި އެކި މައްސަލަތަކުގައި އެކި އަޣުލަބިއްޔަތު ގާނޫނުއަސާސީގައި ކަނޑައަޅާފައިވަނީ މުހިންމު ބޭނުމެއްގައި ކަމަށެވެ. އެއީ ހައްސާސީ މައްސަލަތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން އެ ނިންމުންތަކުގައި ޝާމިލްވުން ކަމަށް ހުކުމްގައިވެ އެވެ.
ހުކުމްގައި ބުނީ މަޖިލީހުގެ ކޮންމެ ގޮނޑިއަކީ އިންތިހާބީ ދާއިރާ ތަމްސީލުކުރާ އެއްޗެއް ކަމަށެވެ.
"އެންމެ ގޮނޑިއެއްގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބެއެވެ. އެންމެ ގޮނޑިއެއް ތަމްސީލުކުރާ މެންބަރަކީ އެތައް ހާސް ރައްޔިތުންނެއްގެ މަސްލަހަތު ތަމްސީލުކުރާ މަންދޫބެވެ. މިއީ އެ މެންބަރަކު ޖަލްސާއަކަށް ހާޒިރުވިޔަސް ނުވަތަ ނުވިޔަސް ނުވަތަ ހާޒިރުވެ ނިންމުމެއްގައި ބައިވެރިވިޔަސް ނުވަތަ ނުވިޔަސްވެސްމެއެވެ." ހުކުމްގައިވެ އެވެ.
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އިއްވެވި ހުކުމްގައި ބުނީ ރައްޔިތުންގެ މަޖިލީހުން ކަންކަން ނިންމުމަށް ކޯރަމް ހަމަނުވެގެން ޖަލްސާތައް ނުބޭއްވިގެން ނޫޅޭ ކަމަށާއި މިވަގުތު ވެސް މަޖިލީހުގައި 80 މެންބަރުން އެބަ ތިއްބެވި ކަމަށެވެ. އެއީ އެންމެ ބޮޑު އަޣުލަބިއްޔަތެއް ބޭނުންވާ، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭނުންވާ އަޣުލަބިއްޔަތު ވެސް ލިބޭ އަދަދެއްގެ މެންބަރުން ކަން ހުކުމްގައި ފާހަގަކުރި އެވެ. އެހެންކަމުން، ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަ ނަމަވެސް، އެ އަޣުލަބިއްޔަތު ހަމަކޮށްގެން އެކަން ކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ހުކުމްގައިވެ އެވެ.


