އަނަސްގެ މަރާ ގުޅިގެން ދައުވާ ލިބުނު މީހުން ސަަލާމަތްވުމަކީ ސަރުކާރުވެސް ކަންބޮޑުވުން އޮތް ކަމެއް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފި އެވެ.
ހޯމް މިނިސްޓްރީން މިހެން ބުނީ، މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އެންމެންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވުމާ ގުޅިގެންނެވެ.
އެ މައްސަލާގައި އެ މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި އެންމެންގެ މައްޗަށް ދައުވާ ސާބިތު ނުވުމުން ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމަށެވެ.
"އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް އަދަބު ނުލިބި ދިއުމަކީ ތަންފީޒީ އިދާރާތަކާއި އަދުލު އިންސާފު ގާއިމުކުރުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށް ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ
އޭގެ ސަބަބުން ގާނޫނީ ބާރު ނެގެހެއްޓުމަށް ހުރަސް އެޅި ކުށް ކުރާ ފަރާތްތަކަށް ކުށް ކުރުމަށް ފަހު ގާނޫނީ އަދަބުން ބަރީއަވެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"…މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިޔުމަށާއި ގާނޫނުގެ ބާރު ނެގެހެއްޓުމަށް ޖިނާއީ އަދުލުގެ ނިޒާމްގެ ތެރޭގައި ހިމެނޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ވަނީ ފަށާފައި،" އެ ބަޔާނުގައި ބުންޏެވެ.
އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ޖުލައި މަސް ތެރޭގައި ލިޓަސް ގަރާޖުގެ ތެރޭގަ އެވެ. އަނަސްގެ ހުރިހާ ވާރިސުންވެސް އެދުނީ މަރަށް މަރު ހިފުމަށެވެ.
އެ މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ.
އެގޮތުން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާ އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.
ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިމަހުގެ 25 ވަނަ ދުވަހު ކުރި ހުކުމްގައި ވަނީ ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާތީ އެ މީހުންނަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފަ އެވެ. ހާދިސާ ހިނގި މަންޒަރު ދުށް ސިއްރު ހެކިންވެރިން ހެކިބަސް ދިނުމަށް ދެ ފަހަރު ފުރުސަތު ދިނުމުންވެސް އެމީހުން ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބުނު މީހުންގެ އަޑުއެހުންތައް ނިންމާލީ މިދިޔަ އަހަރުގެ އޭޕްރީލް 13 ވަނަ ދުވަހު އެވެ. މުޅި މައްސަލަ ދަށު ކޯޓުގައި ނިމި ހުކުމަކާ ހަމައަށް ގޮސްފައި މިވަނީ ގާތްގަނޑަކަށް އަނަސް މަރާލިތާ ހަތް އަހަރުވާން ކައިރިވެފައި ވަނިކޮށެވެ.


