ހއ. އިހަވަންދޫގައި ހޮސްޕިޓަލު ގާއިމުކުރެވުމުގެ ކުރިންވެސް މިހާރު ހުރި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވާހަކަފުޅުގައި، ވަޢުދުވެވަޑައިގެންނެވި ގޮތަށް ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން އައިސް ޕްލާންޓުގެ މަސައްކަތް ކުރިއަށްދާނެކަމަށާއި، އެ ސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބޭގޮތަށް، ސަރަހައްދުގެ ރައްޔިތުން ބޭނުންވާ ފުޅާ މިނުގައި ޤާއިމުކުރާ މަސްވެރިކަމުގެ އެސްޓަބްލިޝްމަންޓަށް ގާތްގަނޑަކަށް 10 ވަރަކަށް މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ބަލަމުންދަނީ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްއަކުން ދިގު މުއްދަތަށް ބަހާލައިގެންވިޔަސް އެމަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށްކަމުގައި ރައީސް ވިދާޅުވިއެވެ.
ފައިބަރު މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ދާއިމީ ހެއްލެއް ގެނެސްދެއްވާނެކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ކުނި މެނޭޖުކުރުމުގެ މަސައްކަތަކީ ވެމްކޯއިން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ކުނި މެނޭޖްކުރުމުގެ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމުގައި އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިހަވަންދޫއާއި ހޯރަފުށްޓަކީ އެ ސަރަޙައްދުގެ އަރބަން ސެންޓަރުތަކުގެ ގޮތުގައި ބަލާ ތަންތަން ކަމަށާއި އެހެންކަމުން މިސަރަހައްދަށް ބޭނުންވާ ތަރައްޤީގެ މަސައްކަތްތައް ހިނގަންޖެހޭނީވެސް ފުޅާދާއިރާއެއްގައި ނުވަތަ ލާރޖް ސްކޭލުގައި ކަމަށެވެ.


