Tuesday, 28 July 2026

އައްޑޫސިޓީގެ ހިތަދޫއާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫސިޓީގެ ހިތަދޫއާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މިރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ރައީސް މިހާރު އައްޑޫސިޓީ އާއި، ފުވައްމުލައް ސީޓީ އާއި، ގއ އަދި ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހުޅުދޫ މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

އައްޑޫ ސިޓީގެ ހުޅުދޫ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ބްރިޖަކީ ރާއްޖޭގައި އަޅާ އެންމެދިގު އަދި އެންމެ ބޮޑު ބްރިޖަށް ވާނެކަމުގައެވެ. ހަމަ އެހެންމެ މިއަހަރުގެ ތެރޭގައި މަސައްކަތްފަށައި، އެންމެ ގިނަވެގެން ހަތަރު އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިމިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ބްރިޖާއެކު އައްޑޫ ސިޓީގެ އިޤުތިޞާދަށް ކުރިއެރުން ލިބިގެންދިއުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިއީ އެމަނިކުފާނު ވަޢުދު ވެވަޑައިގަންނަވާފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުކަން ފާހަގަކުރައްވައި ބްރިޖުގެ ޑިޒައިން އަދި ފީސިބިލިޓީގެ މަސައްކަތަކީ އެއީ ހިލޭ އެހީގެ ދަށުން ކުރެވިގެންދާނެ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

އައްޑޫސިޓީގެ ހިތަދޫއާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދަ ޢަރަބް ކޮންޓްރެކްޓަރސް އާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *