ގައުމު މިދާ މިސްރާބު ރަނގަޅެއް ނޫން ކަމަށާއި ވެރިކަން ކުރި މީހެއްގެ ހައިސިއްޔަތުން ލޯ މަރާލައިގެން ހުރެވޭކަށް ނެތްކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިންނަވަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެވެސް މެންބަރު ޖީހާން މަހުމޫދުގެ ކެމްޕޭން ޖަލްސާއެއްގައި ކުރީގެ ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ މިސްރާބު މިހާރު ހުރި ގޮތުން މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބުން މުހިއްމު ކަމަށެވެ.
ވެރިކަމަށް އައުމުގެ ކުރިންވެސް އަދި މިއަދުވެސް ޕީޕީއެމް ޕީއެންސީން ހަދަމުން ދަނީ ދޮގު ކަމަށާއި އެކަންކަމުގެ ހަގީގަތް ރައްޔިތުންނަށް މިހާރު ސާފު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ސަރުކާރު ޒިންމާދާރު ކުރެވޭނީ މަޖިލީހުގެ ތެރެއިން މަސައްކަތްތައް ކުރެވިގެން ކަމަށް އެމްޑީޕީގެ ވަގުތީ ރައީސެެއްގެ ގޮތުގައި ވެސް ހުންނެވި ސޯލިހު ވިދާޅުވި އެވެ.
"މިރާއްޖެ ވެއްޓޭނެ ފުން އަނދަވަޅު ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް މިއަދު އެބަ ފެނޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑޭޓުން ނެރެފައިވަނީ އެމްޑީޕީންނެވެ. އެ ޕާޓީން، 90 ދާއިރާއަށް ވާދަކުރެ އެވެ.


