އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ގާތްގަނޑަކަށް 400 އެއްހާ ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިހާބަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ބުދަ ދުވަހުގެ 14:00 އާ ހަމައަށް ކަމަށެވެ. މި މުއްދަތުގެ ތެރޭގައި 93 ދާއިރާއަކަށް 381 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އީސީން ހުށަހެޅި ބައެއް ފޯމުތައް އަދި ރިވިއު ކޮށްފައި ނުވާއިރު ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާތިލް ކުރާނެ އެވެ. އެހެންކަމުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ.
ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ، އެ ދާއިރާއަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ކޮން ދާއިރާއަކަށް ކަމެއް އަދި އެންމެ މަދުން ވާދަކުރާ ކެންޑިޑޭޓުން ލިބިފައިވަނީ ކޮން ދާއިރާއަކަށް ކަމެއް ކޮމިޝަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 284،337 މީހުންނަށެވެ.


