ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް "ރިވެލި" ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރެއްވުމަށް ދުބާއީގެ ތާޖް ހޮޓަލުގައި ބޭއްވި ހަފުލާގައި ފައްޓަވައިދެއްވި މި ޕްރޮގްރާމަކީ، ރައީސް މީގެ ދެ މަސް ކުރިން ދުބާއީ އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ދިވެހިން ހުށަހެޅި ހުށަހެޅުމެކެވެ.
ރާއްޖޭން ބޭރުގެ ގައުމުތަކުގެ ތެރެއިން ސްރީ ލަންކާ އާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް މިހާރުވެސް ދިވެހިބަހާއި އިސްލާމް ކިޔަވައިދެއެވެ. ނަމަވެސް އެ މާއްދާތައް ކިޔަވައިދެނީ އެއްތަނަކަށް ކުދިންތައް ގެނެސްގެންނެވެ.
މި ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދުބާއީގައި މިކަން ފެށިޔަސް، އުންމީދަކީ ދިވެހިން އުޅޭ ވަރަށް ގިނަ އެހެން ސަރަހައްދުތަކުގައި ވެސް ވީހާ އަވަހަކަށް މި ޕްރޮގްރާމް ފެށުން ކަމަށެވެ.
މީގެއިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ, ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި/ އިސްލާމް ކިޔަވައިދޭ ޕްރޮގްރާމް ކުރިއަށް ގެންދާތާ ދެ ހަފުތާ ވެފައިވާ އިރު، އެ ޕްރޮގްރާމްގެ ކިޔެވުން ހަރުދަނާކޮށް، ދަރިވަރުންނާ ގުޅޭނެ ބައިތައް އިތުރު ކުރަމުން އަންނަ ކަމަށެވެ.
"ރިވެލި" ޕްރޮގްރާމް ހިންގާނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.


