ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެމްބަރުންނެވެ.
ނަމަވެސް މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ ރައީސާއި ނައިބު ރައީސް ވަކި ކުރުމަށްޓަކައި މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުގުނާ ގޮތަށެވެ.
ދައުލަތުން ވަނީ އެ އިސްލާހަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ މެންބަރުންގެ އަދަދު ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ދައުލަތުން ތުހުމަތުކުރާނަމަ އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަންޖެހޭ ކަމަށެވެ.
ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރާއި ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔަކީއެ މައްސަލާގައި ވަގުތީ އަމުރެއް ނެރެން ނުޖެހޭ ކަމަށެވެ.
ހިޔާލު ތަފާތުވި ރައުޔުގައި ބުނީ މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެން ޖެހޭ ތަނެއް ނެތް ކަމަށެވެ. އެއީ ޖުމްލަ މެމްބަރުންގެ އަދަދު ފާސްވާން ޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް މިވަގުތު ނެތް ކަން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށާއި އެފަދަ އެއްވެސް ހެއްކެއް ވެސް ބަންޑާރަ ނައިބުގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ބުނެފައިވެއެވެ. އެ މައްސަލަ ދައުލަތުން ކޯޓަށް ހުށަހެޅީ އިސްލާހު ފާސްކުރިތާ އެއް މަސް ފަހުން ކަމަށް ވެސް ބުނެފައިވެއެވެ.


