ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ސޫދާނުގައި އާންމުންގެ އިންސާނީ ބޭނުންތައް ފުއްދައިދިނުމަށާއި، ހަމަނުޖެހުންތަކުން ފިލައިގެން އަވަށްޓެރި ގައުމުތަކަށް ދިޔަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 4.1 ބިލިއަން ޑޮލަރަށް އދ. އިން ގޮވާލައިފި އެވެ.
ސޫދާނުގެ އަސްކަރިއްޔާއާއި ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އާ ދެމެދު ހަނގުރާމަ ފެށިތާ 10 މަސް ފަހުން ސޫދާންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން – ގާތްގަނޑަކަށް 25 މިލިއަން މީހުންނަށް އިންސާނީ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ކަމަށް އދ.ގެ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ސޫދާނުގެ ބޯޑަރު ހުރަސްކޮށް 1.5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ޗާޑް، މިސްރު، އިތިއޯޕިއާ އަދި ދެކުނު ސޫދާނަށް ހިޖުރަކޮށްފައެވެ.
އދ.ގެ އެހީގެ ވެރިޔާ މާޓިން ގްރިފިތުސް ޖެނީވާގައި ތިއްބެވި ޑިޕްލޮމެޓުންނަށް ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ސޫދާން މަތިން ހަނދާން ނައްތާލާފަ އެވެ.
އދ.ގެ ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރު) އާ ގުޅިގެން ނެރުނު އިލްތިމާސްގައި އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ވަނީ 14.7 މިލިއަން މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް 2.7 ބިލިއަން ޑޮލަރުގެ ފައިސާ ދިނުމަށް ގޮވާލާފައެވެ.
ޔޫއެންއެޗްސީއާރުން ވަނީ އަވަށްޓެރި ސޫދާންގެ ފަސް ގައުމެއްގެ ގާތްގަނޑަކަށް 2.7 މިލިއަން މީހުންނަށް އެހީވުމަށް އިތުރު 1.4 ބިލިއަން ޑޮލަރު ދިނުމަށް އެދިފަ އެވެ. މި ދެ ޕްލޭންގެ އަމާޒަކީ ސޫދާނާއި މި ސަރަހައްދުގެ ގާތްގަނޑަކަށް 17.4 މިލިއަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އާރްއެސްއެފް އިން ވަނީ އެ ގައުމުގެ ބްރެޑްބާސްކެޓް ކަމަށްވާ ގެޒީރާ ސްޓޭޓް ހިފަހައްޓައި، އަސްކަރިއްޔާއާ ދެކޮޅަށް ބާރު ގަދަކޮށްފަ އެވެ. މި ސްޓޭޓަކީ މިދިޔަ އޭޕްރީލް މަހު ފެށި ހަނގުރާމައިގެ ކުރީކޮޅު ހާލަތު ގޯސްވެފައިވާ ވެރިރަށް ޚަރްތޫމުން ބަދަލުވި އެތައް ލައްކަ ބަޔަކު ދިރިއުޅެމުން ދިޔަ ތަނެކެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު ޑިސްޕްލޭސްމަންޓާއި ޕްރޮޓެކްޝަން ކްރައިސިސް އުފެދިފައިވާ ކަމަށާއި ގާތްގަނޑަކަށް 18 މިލިއަން މީހުންނަށް "ކާބޯތަކެތީގެ ނުރައްކާތެރިކަން" ކުރިމަތިވެފައިވާ ކަމަށް އެ އިދާރާތަކުން ބުނެއެވެ.
އަދި އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަށް ސިއްހީ ހިދުމަތް ނުލިބުމުގެ ސަބަބުން ކޮލެރާ، ހިމަބިހި އަދި މެލޭރިއާ ފަދަ ބަލިތައް ދަނީ ފެތުރެމުންނެވެ. ސޫދާންގެ ގާތްގަނޑަކަށް 19 މިލިއަން ކުދިން ސްކޫލަށް ނުދެއެވެ. އަދި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ވަރަށް ފުޅާދާއިރާއެއްގައި ހިނގަމުންދާ ކަމަށް އެ އިދާރާތަކުން ބުނެއެވެ.
ސޫދާނާއި އަވަށްޓެރި އިތިއޯޕިއާގައި ގެދޮރު ގެއްލިފައިވާ އާއިލާތަކާ ދާދި ފަހުން ބައްދަލުކުރެއްވި އދ.ގެ ރެފިއުޖީންނާ ބެހޭ ހައިކޮމިޝަނަރު ފިލިޕޯ ގްރޭންޑީ ވިދާޅުވި ގޮތުގައި އެ މީހުންނަށް ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވެ އެވެ.
އދ.ގެ ކާބޯތަކެތީގެ އިދާރާ، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން މި ހަފުތާގައި ބުނީ ސޫދާނުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން މީހުން މަރުވާ ކަމުގެ ރިޕޯޓްތައް ލިބެމުން އަންނަ ކަމަށާއި، މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އާންމުންގެ އެހީއިން ކަނޑާލުމުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބަނޑުހައިހޫނު މީހުންގެ އަދަދު ދެގުނަ އިތުރުވެފައިވާ ކަމަށެވެ.
އދ.ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ހަމަނުޖެހުންތަކުގައި މިހާތަނަށް 12،000 މީހުން މަރުވެފައިވާއިރު، ހަގީގީ މަރުވި މީހުންގެ އަދަދު މާ ގިނަ ކަމަށް ބެލެވެ އެވެ. އަދި 10 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ހަނގުރާމަ ހުއްޓާލަން މަސައްކަތް ކުރި ނަމަވެސް، ހަނގުރާމަ ދަނީ އިތުރުވަމުންނެވެ.
މި ހަމަނުޖެހުންތައް ފެށުނީ އާރުއެސްއެފް ސާފްގެ ތެރެއަށް އެއްކޮށްލައި އިންތިހާބަށް ބަދަލުވާން ފެށި ބައިނަލްއަގުވާމީ ތާއީދު އޮތް ޕްލޭނެއްގެ ސަބަބުންނެވެ.
2019 ވަނަ އަހަރު އާންމުންގެ މެދުގައި އުފެދުނު ބަޣާވާތަކުން ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި އުމަރު އަލް ބަޝީރުގެ ވެރިކަން ވައްޓާލުމާ އެކު އެސްއޭއެފް އާއި އާރްއެސްއެފް ގެ ވެރިކަން ހިއްސާކުރެވުނެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ވެސް ދެ ފަރާތުން ގުޅިގެން ބަޣާވާތެއް ހިންގައި ސޫދާން ޑިމޮކްރަސީއާ ދިމާލަށް ގެންދިއުމަށް ކުރި މަސައްކަތަށް ހުރަސް އެޅި އެވެ.


