އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތައް ދުއްވަން ދެން ފޮނުވާނީ އެގައުމުގެ ފަންނީ މީހުން ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.
ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ގެންދަން އިންޑިއާ އިން ވަނީ އެއްބަސްވެފަ އެވެ. އެގޮތުން ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ އިންޑިއާގެ ތިން އުޅަނދުގެ ތެރެއިން ދެ އުޅަނދެއްގައި ހަރަކާތްތެރިވާ ސިފައިން އަންނަ މަހު 10ގެ ކުރިން އަދި އަނެއް ދެ އުޅަނދުގެ ސިފައިން 10 މޭގެ ކުރިން އިންޑިއާ އަށް ގެންދަން އެގައުމުން ވަނީ އެއްބަސްވެފަ އެވެ.
އިންޑިއާ އިން މިކަމަށް އެއްބަސްވީ އިންޑިއާ ސިފައިން ފޮނުވާލުމާ ބެހޭގޮތުން މަޝްވަރާކުރުމަށް އެކުލަވާލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް ވިދާޅުވީ މިހާރު އުޅަނދުތައް ދުއްވަން ތިބި ސިފައިން އަނބުރާ ގައުމަށް ގެނައުމަށްފަހު ދެން އެ އުޅަނދުތައް ދުއްވަން ރާއްޖެ ފޮނުވުމަށް ހަމަޖެހިފައިވަނީ ކަމަށް ގާބިލު، ފަންނީ މީހުން ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަންނަ މާޗު މަހުގެ 15 ގެ ކުރިން އަނބުރާ ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން އިންޑިއާގެ އެދިވަޑައިގެންފަ އެވެ.
ސަރުކާރުން އެންމެ ފުރަތަމަ ހާމަކުރި މައުލޫމާތުގައިވާ ގޮތުން ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިންނެވެ. އޭގެ ފަހުން އެ އަދަދު 89 އަށް އިތުރުވެފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ފަހުން އެ އަދަދު ވަނީ 88 އަށް ދަށްކޮށްފަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.


