Tuesday, 28 July 2026

ބޮޑު އަގުލަބިއްޔަތުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަނުކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުން – ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އަނބުރާ އައްޔަނު ކުރުމަކީ މަޖިލީހަށް އައްޔަނުކުރުމަކީ ސަރުކާރުން ގާނޫނު އަސާސީގެ ހުރުމަތް ކަނޑާލުންކަމަށް ޑިމޮކްރެޓްސް ގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފި އެވެ.

ޑިމޮކްރެޓްސް ގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރުންގެ ނަންތަކެއް އަލުން އަނބުރާ ނުފޮނުވޭނެ ކަމަށެވެ. އަދި އެކަން ކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތްކަނޑާލުން ކަމަށް ބުނެފައި ވެއެވެ.

"އަދި ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މީހަކު ބަންޑާރަނައިބުގެ ހައިސިއްޔަތާ އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގައި ތާށިވެ ހުރެގެން، ގާނޫނުއަސާސީގެ އިންތަކާ މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރި، ދައުލަތް ތަމްސީލެއް ނުކުރެވޭނެ" ކަމަށްވެސް ޑިމޮކްރެޓްސް އިން ބުނެފައި ވެއެވެ.

މީގެއިތުރުން އެ ޕާޓީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި އަމަލުތައް ބަލައި ނުގަންނަކަމަށާއި،  ގާނޫނުއަސާސީގެ ހުރުމަތާއި، ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި، ގާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ މަފްހޫމުތަކަށް ކުޑައިމީސް ނުކުރެއްވުމަށް ހަނދާންކޮށްދެއްވާފަ އެވެ.

މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ރުހުން ނުދޭން މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނަރަލް އަހުމަދު އުޝާމަށެވެ.

ތިން ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރި ނަމަވެސް، އިއްޔެ ހަވީރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރުހުން ނުދޭން ފާސްކުރި މި ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު އަރުއްވާފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *