ވީލްޗެއާ އެކްސެސިބަލް ފެސިލިޓީތަކާއެކު ފުރިހަމަ ދެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެބްރުއަރީ މަހު ފަށާނެ ކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރަފީއު ވިދާޅުވެއްޖެއެވެ.
ސަލްޓަން ޕާކުގައި ބޭއްވި ވަޒީރުންނަށް ސުވާލުކުރެވޭ ޕަބްލިކް ފޯރަމެއް ކަމަށްވާ ފުރަތަމަ "އަހާ ފޯރަމް" ގައި މިނިސްޓަރު ވަނީ ކޮމްޕްލެކްސްތައް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަން ކަށަވަރުކޮށްދެއްވާފަ އެވެ.
"މި ދެ ކޮމްޕްލެކްސްގެ ބިންގާ އަޅާނީ ފެބްރުއަރީ 20 ގެ ކުރިން. މި ދެ ކޮމްޕްލެކްސް ވެސް ފަސް ޕިޗް އިންޑޯ ކޮމްޕްލެކްސް އަކަށް ހެދުމަށް ވަނީ ރާވާފަ. އެތަންތަން މިހާރު ވެސް ޑިޒައިން ކުރެވިފައި އެބަހުރި." ރާފިއު ވިދާޅުވި އެވެ.
ވީލްޗެއާ ވަދެވޭގޮތަށް މިހާރު ހުރި ސްޕޯޓްސް ކޮމްޕްލެކްސްތަކަށް ވެސް ބަދަލު ގެންނާނެތޯ އާންމުންގެ މީހަކު ސުވާލު ކުރުމުން ރަފީއު ވިދާޅުވީ މިއީ "ވޭކް އަޕް ކޯލެއް" ކަމަށެވެ.
"މިހާރު އަޅުގަނޑުމެން އެބަޖެހޭ ޓައިމްލައިނެއް ގެންނަން، އޭގެ ތެރެއިން މިހާރު ހުރި ކުޅިވަރު އިމާރާތްތައް ވެސް ބަދަލުކުރެވޭނެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ކޮމްޕްލެކްސްތައް ހާއްސަކުރާނީ ކޮން ކުޅިވަރަކަށް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ނަމަވެސް މި ސަރުކާރުގެ "ވީކް 14″ ޕްލޭންގައި ނެޓްބޯޅަ އާއި ފުޓްސަލް ކޮމްޕްލެކްސްގެ ވާހަކަ ހިމަނާފައިވެ އެވެ.


