ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީއަށް މާލެ އާއި އެކި ރަށްރަށުގައި 227 ވޯޓުފޮށި ބަހައްޓަން ނިންމައިފި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ
މި އިންތިހާބުގައި 71،597 މީހުންނަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވި ނަމަވެސް ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ކުރިއަށްދާނީ 77 ދާއިރާއެއްގައި ޕީޕީއެމް ޕީއެންސީ އިން މިއަދު ބުނެފައިވެ އެވެ. އެކަމަކު ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވީ 13 ބޭފުޅަކަށް ކަމަށް ޕީޕީއެމް ޕީއެންސީ އިން ކުރިން ބުނެފައިވާތީ އޭގެފަހުން އިތުރު ބޭފުޅުންތަކަކަށް ޓިކެޓް ކަށަވަރު ނުވާނަމަ 77 ދާއިރާއެއްގައި ޕްރައިމަރީ ބާއްވަންޖެހެ އެވެ.
ޕީޕީއެމުން ބުނީ މާލޭގައި ވޯޓުލާ ރަށްރަށުގެ މީހުން ވޯޓުފޮށިތައް ހުންނާނީ ހެންވޭރު ދަނޑުގައި ކަމަށެވެ. އަދި މާލެ ސަރަހައްދުގެ މީހުންގެ ވޯޓުފޮށިތައް ހުންނާނީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލެ ޔޫތު ސެންޓަރާއި ކާމިލްދީދީ ސްކޫލް އަދި ރެހެނދި ސްކޫލްގައި ކަމަށް އެ ޕާޓީން ބުންޏެވެ.


