ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެކަނިވެރި މައިންނާއި ބަފައިންނަށް ދެމުންދާ އެލަވެންސް، ލިބެން ނުޖެހޭ މީހުންނަށް މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ދީފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން އަންގަވައިފިއެވެ.
އެންސްޕާގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ދޭން ނުޖެހޭ 12 މީހަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 18.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ފައިސާ އެކަނިވެރި މައިންނާއި ބަފައިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވެންސްއާއި އެފަދަ މީހުންނަށް ދޭ ތެރަޕިޔުޓިކް ފަރުވާ ހޯދުމުގެ އެހީގެ ގޮތުގައިވެސް އެ އެހީ ދޭން ނުޖެހޭ ބަޔަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ، ލިބެން ނުޖެހޭ ބަޔަކަށް އެލަވަންސް ލިބެނީ ކައިވެންޏާއި ވަރީގެ މައުލޫމާތު ގަވައިދުން ހޯދައި އެ އެލަވަންސް ލިބޭ މީހުންގެ ސައްހަކަން ނުބަލާތީ ކަމަށެވެ.
އެންސްޕާ އިން ބުނީ އެހީ ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެއްޖެ ނަމަ އެކަން އެންގުމަކީ އެހީ ލިބޭ މީހުން ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމަކު ހާލަތު ބަދަލުވުމަށް ފަހު އަންގަމުން ނުދާ ކަމަށެވެ. ކޯޓުތަކުގެ މައުލޫމާތު އެއް ވިއުގައަކުން ގުޅިފައި ނުވާތީ، އެންމެ އެދެވޭ އަވަސް މިނުގައި އެންސްޕާ އަށް އެ މައުލޫމާތުތައް ނުލިބޭ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
އޮޑިޓް ރިޕޯޓްގައި ވަނީ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ، ދޭން ނުޖެހޭ މީހުންނަށް 10 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިޔުޓިކް ފަރުވާ ހޯދަން ދޫކޮށްފައިވާ 7.6 މިލިއަން ރުފިޔާ ނަހަމަ ގޮތުގައި ދޫކޮށްފައިވެއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީގެ ގޮތުގައި 234،294 ރުފިޔާ ނަހަމަ ގޮތުގައި ދުކޮށްފައިވާކަމަށްވެސް އެ ރިޕޯޓްގައިވެއެވެ. މިކަމާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް އެންސްޕާއަށް ލަފާދެއްވާފައެވެ.


