އާބަންކޯގެ ނަމާއި ލޯގޯ އަލުން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމަށް ބަދަލުކޮށް ބޭނުންކުރަން ފަށައި އެވެ.
އެޗްޑީސީއިން މިއަދު ވަނީ އާބަންކޯއަށް ރިބްރޭންޑް ކުރިނަމަވެސް ގާނޫނީ ގޮތުން ބޭނުންކުރަމުން އައީ "އެޗްޑީސީ" ކަމަށް ބުނެފަ އެވެ. އަލުން ނަން ބަދަލުކުރަން ނިންމި ސަބަބަކީ ވަރަށް ގިނަ ބަޔަކަށް މި ދެ ނަން އޮޅުން އަރާތީކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
ނަމަވެސް އެ ނިންމުން ބަދަލުކޮށް ކޯޕަރޭޝަނުގެ ރަސްމީ ނަމުގެ ގޮތުގައި އަލުން އެޗްޑީސީ ބޭނުން ކުރަން މިއަދު ވަނީ ފަށާފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެންމެ ފުރަތަމަ އުފެއްދީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ލަފާފުޅުގެ ދަށުން 2001 ވަނަ އަހަރުއެވެ.އަދި މިއަދު އެޗްޑީސީ ވެފައިވަނީި އާބަން ޑިވެލޮޕްމެންޓް ދާއިރާއިން ރާއްޖޭގެ އެންމެ ތަޖުރިބާހުރި ކޯޕަރޭޝަނަށެވެ.
އެޗްޑީސީގެ ޕޯޓްފޯލިއޯގައި ހިމެނޭ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އާބަން އައިލް ހިމެނެއެވެ. މީގެ އިތުރުން ތިލަފުށި، ރަސް މާލެ އަދި ހުޅުމާލެ ފޭސް 3 ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ހުއްޓުމެއްނެތި ކުރިއަށް އެބަދެ އެވެ.


