ހުއްދަ ނެތި ދެ ކުންފުންޏަކުން އުމްރާ އަށް މީހުން ގެންދަން ފައިސާ ނަގަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހުއްދަ ނެތި އުމްރާ އަށް މީހުން ގެންދަން ފައިސާ ނަގަމުން އަންނަނީ "އަލް މަޝްއަރު ހައްޖު އުމްރާ" އާއި "ވަޑި ހައްޖު އެންޑް އުމްރާ" އިން ކަމަށެވެ.
މި ދެ ކުންފުނިން މިނިސްޓްރީގެ ހުއްދަ ނެތި އުމްރާގެ އަޅުކަމަށް މީހުން ގެންދިޔުމަށްޓަކާ، އިއުލާންކޮށް ފައިސާ ނަގަމުންދާކަން ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފާހަގަވެފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. މިއީ މަނާ ކަމެއް ކަމުގައި ވާތީ، މިކަން މިގޮތަށް ނުކުރުމަށާއި މިފަދަ ފަރާތްތަކަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް ފައިސާ ނުދެއްކުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިނިސްޓްރީން ވަނީ އުމްރާގެ ހިދުމަތް ދިނުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓް މިހާރު މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށާއި މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.


