Tuesday, 28 July 2026

އިންޑިއާ ސިފައިން ބޭލުމުގެ ބައްދަލުވުން ރާއްޖޭގައި ފަށައިފި!

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި އިންޑިއާގެ ޑިޕްލޮމޭޓުންގެ ވަފުދެއް ފޮރިން މިނިސްޓްރީއަށް ވަޑައިގެން ދިވެހި ސަރުކާރާ އެކު މަޝްވަރާތަކެއް ފަށައިފިއެވެ.

ރާއްޖޭގެ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މިއަދުވެސް އިންޑިއާ އިސް ބޭފުޅުންނާއެކު މަޝްވަރާތަކެއް ފޮރިން މިނިސްޓްރީގައި ވަނީ ކުރިއަށް ގެންދަން ނިންމާފަ އެވެ.

އަދި އެއީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެ ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޮމިޓީ" ގެ ބައްދަލުވުމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކާއި ހަވާލާދީ ބައެއް މީޑިޔާތަކުންވަނީ އެ ބައްދަލުވުމަށް އިންޑިއާގެ އިސް ޓީމު ރާއްޖެ އައީ އިއްޔެ ކަމަށް ބުނެފައެވެ. އަދި ފޮރިން މިނިސްޓްރީގައި ކުރިއަށް ގެންދާ އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފައި ސެކްރެޓަރީ ހާލާ ހަމީދު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބުކަމަށްވެސް ހާމަކޮށްފައި ވެއެވެ.

މި ބައްްދަލުވުންތަކާއި ގުޅޭ ތަފްސީލެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ތުރުކީ އާއި އެކުވެރި އަރަބި އިމާާރާތް (ޔޫއޭއީ)އަށް ކުރެއްވި ދަތުރުފުޅަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ، އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާއި ގުޅޭގޮތުން އިންޑިއާއާ ރަސްމީކޮށް ވާހަކަދެކެވި، ރަސްމީކޮށް އިންޑިއާ ސަރުކާރަށްވެސް ދެންނެވިފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *