މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކަށް މީހުން އިންތިހާބުކުރުމަށް މިއަދު ބާއްވާ އިންތިހާބުގައި މިހާތަނަށް ވޯޓުދިނީ، ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ދެ ޕަސެންޓުކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފި އެވެ.
މިއަދު 9:00 އާ ހަމައަށް ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 1204 މީހުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ އަދަދަކީ 56002 މީހުންނެވެ.
އާންމު ގޮތެއްގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކަށް އެހެން އިންތިހާބުތަކާ އަޅާ ބަލާއިރު ތަރުހީބު ކުޑަ އެވެ. އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ވޯޓުލުމަށް ނުކުތުމަށް އެދިފަ އެވެ. އަދި ވޯޓުލުން އެއް ގަޑިއިރަށް ކޮމިޝަނުން ވަނީ ދަންމާލަން ވެސް ނިންމައިފަ އެވެ.
މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި، ވޯޓުލުން ފަށައި ފުރަތަމަ ދެ ގަޑިއިރެއްހާއިރަކީ އެންމެ ގިނަ ބަޔަކު ވޯޓުލާން ނިކުންނަ އެއް ވަގުތެވެ. ރިޔާސީ އިންތިހާބުގައި ވެސް ފުރަތަމަ ދެ ގަޑިއިރު ތެރޭގައި 12 ޕަސެންޓު މީހުން ނިކުމެ ވޯޓު ދިނެވެ.
މާލޭގެ މޭޔަރާއި ސިޓީ ކައުންސިލުން ހުސްވެފައިވާ ކައުންސިލަރުންގެ މަގާމުތަކަށް މީހުން ހޮވުމަށް މިއަދު ކުރިއަށް ގެންދާ އިންތިހާބުގައި ވޯޓު ދިނުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ވޯޓުލާ މަރުކަޒުތަކުގައި ޖުމްލަ 58 ވޯޓު ފޮށި ބަހައްޓާފައި ވެއެވެ. މިހާތަނަށް ވޯޓުލާ މަރުކަޒުތައް ފެންނަމުން ދަނީ މީހުން މަދުކޮށެވެ.
މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި މިދިޔަ އަހަރު ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވުމުންނެވެ. މޭޔަރުކަމުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރުކަމުގައި ތިއްބެވި ބޭފުޅުން ވެސް ސިޔާސީ މަގާމުތަކަށް އައްޔަންކުރެއްވުމުން ވަނީ ކައުންސިލް މެންބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.


