އިއްޔެ މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން އަށް ގެއެއްގެ 57 މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ނެޝަނަލް ޑިޒާސްޓާ މޭނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެއާއި ހަތަރު ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ އަދި ދ. ކުޑަހުވަދޫ ހިމެނޭ އިރު، އެންމެ ބޮޑު ގެއްލުމެއް ލިބުނީ މާލޭގެ ގެތަކަށް ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭއޮން ބުނިގޮތުގައި މި ވިއްސާރައިގެ ސަބަބުން 144 ގެއަކުން ގުޅައި އެހީތެރިކަމަށް ވަނީ އެދިފަ އެވެ. އޭގެތެރެއިން ރެޔާއި ހަމައަށް 132 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށާއި ފެންވަނުން ކުޑަކުރުމަށް 91 ގެއެއްގައި ވެލި ބަސްތާ ޖަހައިފައިވާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު މެޓް އޮފީހުން ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާތީ ކުރާ ވިއްސާރައެއް ކަމަށެވެ.


