Tuesday, 28 July 2026

އިންޑިއާގެ ސަފީރު މިނިސްޓްރީއަށް ވަޑައިގަތީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް: ހައި ކޮމިޝަން

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު މިއަދު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ ކުރިން ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަށްކަށް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ހާމަކޮށްފި އެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް މެންދުރު 12:00 އަށް ހާޒިރުވާން އަންގާފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލުން މީގެކުރިން ވަނީ މީޑިއާގައި ވިދާޅުވެފަ އެވެ. ފޮރިން މިނިސްޓްރީގެ ބައްދަލުވުމަށް ފަހު ސަފީރު މިހާރު އެ ތަނުން ނުކުމެވަޑައިގެންފައި ވާއިރު ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ސަފީރު މުނޫ މަހާވަރު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ އެމްބެސެޑާ އެޓް ލާޖް ޑރ. އަލީ ނަސީރު މުހައްމަދާއެކު ކުރިންވެސް ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ކަމަށެވެ.

ހައި ކޮމިޝަނުން މިހެން ބުނެފައިވާއިރު އިންޑިއާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް މިއަދު ހެނދުނު ވަނީ ހާޒިރުކޮށްފަ އެވެ. ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ޝަހީބު މިނިސްޓްރީގައި ހޭދަކުރައްވާއިރު، އެ ބައްދަލުވުމާ ގުޅޭ ގޮތުން ވެސް މިހާތަނަށް އިތުރު މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

ގައުމުގެތަކުގެ މެދުގައި ޑިޕްލޮމެޓިކް އުސޫލުތައް ހަމަޖެހިފައިވާ ގޮތުން އެއް ގައުމެއްގެ ސަފީރަކު އަނެއް ގައުމެއްގައި ހާރިޖީ ވުޒާރާއަށް ހާޒިރުކުރަނީ ގައުމީ ބޮޑެތި މައްސަލަތަކުގެ އެ ގައުމަކުން ހިތްހަމަނުޖެހޭކަން ހާމަކުރުމުގެ ގޮތުންނެވެ.

ސަރުކާރުގެ އިސްވެރިންނާއި ބައެއް އާންމު ދިވެހިންގެ މަލާމާތް ބޮޑުވަޒީރު މޯދީއަށް އަމާޒުވީ އިންޑިއާގެ ލަކްޝަދީބްގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި ބޮޑުވަޒީރު މޯދީ އެރަށަށް ވަޑައިގެން ނެންގެވި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުކުރުމާ އެކު އިންޑިއާގެ ފަތުރުވެރިން ދެން ރާއްޖެއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ރާއްޖެ ދައްކޮށްލުމުގެ ނިޔަތުގައި އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި ފާޅުކުރި ޝުއޫރުތަކަކަށްފަހު އެވެ.

މައްސަލަ ހޫނުވީ ސަރުކާރުގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރަކު، މޯދީއަށް އަމާޒުކުރައްވާ ބޭނުންކުރި ބޭއަދަބީ ބަސްތަކެއްގެ ސަބަބުންނެވެ.

އޭގެ ތެރޭގައި ހިމެނުނު ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު އިއްޔެ ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

މި ބޭފުޅުން ސަސްޕެންޑްކުރިކަން ހާމަކުރުމުގެ ކުރިން ސަރުކާރުން ނެރުނު ބަޔާނެއްގައި، ބޭރުގެ ވެރިންނަށް ކުޑައިމީސްކޮށް ވާހަކަ ދެއްކި މީހުން ހާމަކޮށްފައިވަނީ ސަރުކާރުގެ ވިސްނުން ނޫން ކަމަށާއި އެއީ އެ ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ބުނެފައިވެ އެވެ. އެކަމަކު ހިޔާލު ފާޅުކުރަން ޖެހޭނީ ޑިމޮކްރަޓިކް އަދި ޒިންމާދާރުކަމާ އެކުގައި ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *