Monday, 26 October 2026

ވިލިމާލޭގެ އިމާރާތްތައް 10 ބުރިއަށް އިމަރާތް ކުރެވޭ ގޮތް ހަދަނީ

ވިލިމާލޭގެ އިމާރާތްތައް 10 ބުރިއަށް އިމަރާތް ކުރެވޭ ގޮތް ހަދައިދެއްވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި އިމާރާތްކުރުމުގެ ހުއްދަ މިހާރު އޮންނަނީ ހަ ބުރިއަށެވެ. އެކަމަކު، އެ އަވަށުގައި 10 ބުރިއަށް އިމާރާތްތައް ހެދޭނީ ޕްލޭނިން މިނިސްޓްރީގެ ގަވައިދު ރައްޔިތުންގެ މަޖިލިހުން އިސްލާހު ކުރުމުންނެވެ.

އެ އަވަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހެދުމުގެ ހުއްދަ ދިނުމަށް މިހާރުގެ ރައީސް ޑރ. މުއިއްޒުގެ މޭޔަރު ކަމުގައި އޭރުގެ ސަރުކާރުގައި އެތައް ފަހަރަކު އެދިވަޑައިގަތެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެކަމަށް ހައްލެއް ހޯދައެއް ނުދެއްވަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ހަމައެކަނި އަންހެން ކެނޑިޑޭޓް، އާޒިމާ ޝަކޫރުގެ ކެމްޕޭން ޖަލްސާއަށް ވިލިމާލެއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އެކަމަށް އެއްބާރުލުން ނުދިން ނަމަވެސް މިސަރުކާރުން އެބަދަލު ގެނައުމުގައި އެއްބާރުލުން ދެއްވާނެ ކަމަށާއި، މަޖިލީހުން ވެސް އެއްބާރުލުން ދެއްވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

"ރައްޔިތުން ބޭނުންވަނީ ގެދޮރު ޢިމާރާތް ކުރުމުގައި 10 ބުރިއާ ހަމައަށް ވިލިމާލޭގައި ޢިމާރާތް ކުރެވެން. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނަން. ދެން މަޖިލީހުން އެކަން ކޮށްދޭނެ ކަމަށް މި ބަލަނީ،" ރައީސް ވިދާޅުވިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރާ ޖެހެންދެން ވިލިމާލޭގައި އިމާރާތް ކުރެވެނީ ހަތަރު ބުރިއަށެވެ. ހަ ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ބަދަލު ކޮށްފައި ވަނީ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *