ދިރާގުން އިސްލާމީ މަރުކަޒަށް 6 ޓީވީ ހަދިޔާ ކޮށްފި އެވެ.
މި ޓީވީ ތަކަކީ ހުކުރު ހުތުބާގެ ސަބްޓައިޓަލް ފެންނަ ގޮތް ހެދުމަށާއި، އިސްލާމީ މަރުކަޒުގެ އެކި ފަންގިފިލާތަކަށް ހުތުބާ ފެންނާނެ ގޮތް ހެދުމަށް ދިރާގުގެ ހެޔޮ އެދުންތަކާއި އެކު ހަދިޔާކުރި ޓީވީތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓީވީ ތަކާއި ހަވާލުވެވަޑައިގަތީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. ޝަހީމްވަނީ ދިރާގު ސީއެސްއާރްގެ ދަށުން އިސްލާމިކް މިނިސްޓްރީއަށް އަބަދުވެސް
އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވާފަ އެވެ. އަދި އެހެން ކުންފުނިތަކުންވެސް ދިރާގުން ދައްކާ ނަމޫނާ ބަލައިގަތުމަށް އެމަނިފާނު ވަނީ އެދިލައްވާފައެވެ.
ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ ކަންކަމަށް ފޯރުކޮށްދެވޭ މިފަދަ އެހީތަކަކީ ގެއްލިގެން ނުދާނެ ކަންކަން ކަމަށެވެ.
މިއީ ރާއްޖޭގައި މިފަދަ ހަރަކާތެއް ހިންގާ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިކަން ވެގެންދާނީ މުޖުތަމަޢުގައި ގިނަ މީހުން ބައިވެރިކުރުމަށް އެޅޭ މުހިން ފިޔަވަޅެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ޚާއްސަކޮށް އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ރާއްޖޭގައި ދިރިއުޅޭ އެހެން ނަސްލުގެ މުސްލިމުންނަށް ލިބިގެންދާނެ ބޮޑު ލުއިފަސޭހައަކަށްވެސް ވެގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.


