ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޗައިނާ އަދި ޖެނީވާއަށް ކުރެވި ދަތުރުފުޅަށް ހިނގި ހަރަދުތަކުގެ ތަފްސީލް ސަރުކާރުން ހާމަކޮށްފި އެވެ.
ނައިބު ރައީސް ޑިސެންބަރު 4 އިން 14 މި ދެ ޤައުމަށް ޒިޔާރަތް ކުރައްވާފައިވަނީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށާއި، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75″ ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މަޢުލޫމާތުތައް ހާމަކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވަނީ މި ދެ ދަތުރުފުޅަށް ޖުމްލަ ގޮތެއްގައި 3،189،544.58 ރުފިޔާ ހަރަދުވި ކަމަށް ވިދާޅުވެފަ އެވެ.
މީގެއިތުރުން ދެ ދަތުރަށް ވަކިވަކިން ހަރަދުވީ ވަރުވެސް ސަރުކާރުންވަނީ ހާމަކުރައްވާފަ އެވެ.
- ދެ ދަތުރުފުޅުގެ ޓިކެޓްގެ ޖުމްލަ ޚަރަދު – 2،413،029.54 ރުފިޔާ
- ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޖުމްލަ ޚަރަދު – 180،735.90 ރުފިޔާ
- ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ޚަރަދު – 595،779.14 ރުފިޔާ
ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަފުދުގެ ބޭފުޅުންނަށް ހުރުމާއި، ފަރިއްކޮޅާއި، އެތެރޭގެ ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސަވައިދެއްވާފައި ވަނީ ޗައިނާގެ ސަރުކާރުންކަމަށް ޝަހީބުވަނީ ވިދާޅުވެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނާއި، ނައިބު ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.


