ދިރާގުން އެ ކުންފުނީގެ 2024 ވަނަ އަހަރުގެ ކަލަންޑަރު "އިންޓު ދަ ފިއުޗަ" ލޯންޗުކޮށްފި އެވެ.
މީރުމާ އިވެންޓް ހޯލުގައި މިރޭ ބޭއްވި ހަފުލާގައި ދިރާގުގެ 2024 ކަލަންޑަރު، 'އިންޓު ދަ ފިއުޗާ' އިފުތިތާހު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.
ދިރާގުން ބުނީ، އެ ކުންފުނީގެ 2024ވަނަ އަހަރުގެ ކަލަންޑަރުން ދައްކުވައިދެނީ ތުއްތު ކުއްޖެއްގެ ލޮލުން މިހާރަށްވުރެ ކުރިއަރާފައިވާ 'ޑިޖިޓަލް ރާއްޖެ’އެއްގެ ތަސައްވަރު ކަމަށެވެ. އެގޮތުން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ސަބަބުން މުސްތަގުބަލުގައި އާންމު ދިރިއުޅުން ލުއިފަސޭހަވެ އިތުރަށް މުއްސަނދިވެފައިވާ ގޮތް ކަލަންޑަރުގެ ގަނޑުތަކުން ދައްކުވައިދޭނެ ކަމަށް ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވީ ދިރާގަކީ ރާއްޖެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރުވާ، ގައުމުގެ ޑިޖިޓަލް ދަތުރުގެ މޭސްތިރިޔާ ކަމަށެވެ. ދިރާގަކީ ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުވާ އެ މީހުން މިދާއިރާއަށް ނެރުމަށް އިސްސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމުގައިވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން ދިރާގަކީ ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު އިންތިޒާރު ކުރާ ފަދަ ތަފާތު ކަލަންޑަރު ފަރުމާކުރާ ކުންފުންޏެއް ކަމަށާއި އަންނަ އަހަރުގެ ކަލަންޑަރަކީވެސް އެފަދަ ކަލަންޑަރެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒް ވިދާޅުވީ، ކަލަންޑަރުގައި ދައްކުވައިދޭ 'ޑިޖިޓަލް ރާއްޖެ' އެއްގެ ތަސައްވަރަކީ ދިރާގުން ވެސް އެކަމަށް މަސައްކަތް ކުރާ ކަމެއް ކަމަށެވެ.
މި ކަލަންޑަރުގައިވާ ކޮންމެ މަހެއްގެވެސް ކުރެހުމާއި ގުޅުވާލާފައިވާ 12 ސްނެޕްޗެޓް ގޭމް ހިމެނެ އެވެ. އެގޮތުން ކަލަންޑަރުގައިވާ ސްނެޕްކޯޑް ސްކޭންކޮށް، ކަލަންޑަރު ބޭނުންކުރާ މީހުންނަށް ގޭމް ކުޅުމަށްފަހު އެ މީހެއްގެ ސްކޯގެ ސްކްރީންޝޮޓެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓާގައި #DhiraaguCalendarGames މި ހޭޝްޓެގާއެކު ޕޯސްޓުކުރެވެ އެވެ.
މި ޕޯސްޓް ކުރާ ސްކްރީންޝޮޓްތަކުން ކޮންމެ ތިން މަހަކު ދިރާގުން ހާއްސަ ގުރުއަތެއް ބާއްވާ، ނަސީބުވެރި މީހަކަށް ހަދިޔާއެއްގެ ގޮތުގައި ޓެކް ބަންޑްލްއެއް ދޭނެ އެވެ.


