Tuesday, 28 July 2026

ސުނާމީ ކާރިސާއަށް 19 އަހަރު: ދިވެހިން އަދިވެސް ނަފްސާނީ ބިރުވެރިކަމެއްގައި!

މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން ރައްޔިތުން ދެއްކި ގައުމީ އެއްބައިވަންތަކަމާއި އެއްބައިވަންތަކަމުގެ ރޫހުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.

މީގެ 12 އަހަރު ކުރިން، ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ސުނާމީގެ ބޮޑެތި ރާޅުތައް އަރައި، އެތައް ބަޔަކު މަރުވެ، ހަލާކުވެ، ހީވެސް ނުކުރާ ވަރުގެ ގެއްލުންތަކެއް ލިބުނެވެ. ރާއްޖެ އަކީ ބިންތިރި ޖަޒީރާ ގައުމަކަށް ވުމުން ސުނާމީ ކާރިސާގެ  ގެއްލުން ރާއްޖެއަށް ލިބި، ރަށްތަކާއި އުމްރާނީ ވަސީލަތްތަކާއި ދިރިއުޅުން ހަލާކުވެގެން ދިޔަ އެވެ.

މުޅި ގައުމު ހައިރާންކޮށް، ކުޑަކަކޫ މައްޗަށް ވެއްޓުނު މި ކާރިސާގައި 82 މީހުން މަރުވެ، 26 މީހުން ވަނީ ގެއްލިފަ އެވެ. މި ކާރިސާގައި 15،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ.

ސުނާމީ ކާރިސާއަކީ މިޒަމާނުގެ ތާރީޚުގައި ވެސް ދުނިޔޭގެ އެންމެ ތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވި އެންމެ ނުރައްކާތެރި މޫސުމީ ކާރިސާ އެވެ. މި ޚާރިސާގެ ސަބަބުން ރާއްޖޭގެ 13 ރަށެއްގެ މީހުން ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނެވެ. މި ކާރިސާގައި ގެދޮރު ނެތް އެތައް ބަޔަކަށް ދިހަ ވަރަކަށް އަހަރު ވަންދެން ވަގުތީ ހިޔާތަކުގައި ދިރިއުޅެން މަޖުބޫރުވި އެވެ.

26 ޑިސެމްބަރ 2004 ވަނަ ދުވަހު ހެނދުނު 9:23 ގައި ރާއްޖެއަށް އެރި ސުނާމީގެ ބިރުވެރި ހަނދާންތައް އަދިވެސް ދިވެހިންގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ. މި ކާރިސާގައި ތުއްތު ކުދިންނާއި މައިންބަފައިން އަދި އެއްބަނޑު އެއްބަފާ މީހުން ވަކިވެ ދިޔަ އާއިލާތަކުން އަދިވެސް އެ ހަނދާންތައް އައު ކުރަނީ ކަރުނަޔާ އެކުގަ އެވެ.

ސުނާމީގެ ތަޖުރިބާތަކާއި ރާޅުގައި ގެއްލުނު ހުރިހާ ފުރާނައެއްގެ ހަނދާންތައް އާކޮށް ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންދާ ދިވެހިންގެ ހިތުގައި އެ ހިތްދަތިކަން ތާޒާކަމާއެކު އަދިވެސް ދިރިއެބަހުއްޓެވެ.

ސުނާމީ ކާރިސާ ކުރިމަތިވި ދުވަހަކ މިފަދަ ހިތާމަވެރި ހާދިސާތަކުގެ ތެރޭގައި ވެސް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެއްބައިވަންތަކަމާއެކު ތިބޭނެކަން ދިވެހި ރައްޔިތުން ދުނިޔެއަށް ސާބިތުކޮށްދިން ދުވަހެކެވެ. މި ދުވަހު ދިވެހިން ދެއްކި ނަމޫނާ އެއްބައިވަންތަކަމުގެ ސަބަބުން ކޮންމެ އަހަރަކުވެސް މިދުވަސް ފާހަގަކުރަމުން ދަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

ސުނާމީއަކީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ނުރައްކާތެރި ގެންލުންބޮޑު ކާރިސާއެވެ. ރެކޯރޑް ކުރެވިފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކުރިއެވެ.

ރ. ކަނދޮޅުދޫއަށް ރާޅު އަރައިގެން އައި މަންޒަރު

ސުނާމީގައި އެތައް ބައެއްގެ މުދަލާއި ގެދޮރާއި ދިރިއުޅުން ގެއްލިގެން ދިޔައެވެ. މިކާރިސާގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީ 10 އަހަރު ފަހަތަށް ސޮއްސާލައިގެން ދިޔައެވެ. މިކާރިސާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތު އިންތިހާއަށް ދަށްވެ، ބޮޑު ގެއްލުމެއް ލިބިގެންދިޔައެވެ. ސުނާމީ ކާރިސާގެ ގެއްލުން ސިދާ ގޮތުން ރާއްޖޭގެ އެއްލައްކައެއްހާ މީހުންނަށް ކޮށްފައިވާކަމަށް ރެކޯރޑް ތަކުން ދައްކައެވެ. އެއީ އޭރު ރާއްޖޭގެ އާބާދީގެ ތިންބައިކުޅައެއްބައެވެ. ސުނާމީގައި ރާއްޖެއަށް ލިބުނު ގެއްލުމުގެ ޖުމުލަ އަދަދު 460 މިލިއަން ޑޮލަރަށް އަރާނެކަމަށް އޭރުގެ ރެކޯރޑްތަކުން ދައްކައެވެ. އެއީ ގާތްގަޑަކަށް ޖީޑީޕީ  62 އިންސައްތައެވެ.

މިކާރިސާއާއި ގުޅިގެން ރާއްޖޭގެ ގިނަ ރަށަކުން ކަރަންޓްގެ ޚިދުމަތާއި މުއާސަލާތީ ޚިދުމަތް މެދުކެނޑިގެން ދިޔައެވެ. މުއާސަލާތީ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން އެއްރަށެއްގެ ޙާލަތު އަނެއް އަނެއް ރަށަށް އެނގޭނެ ގޮތެއް ނެތި ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. ބައެއް ހިސާބުތަކުން ހާލުގައި ޖެހުނު މީހުން ކައިރީގައި މީހުން ދިރިއުޅޭ ބައެއް ރަށަށް އެހީތެރިކަން ހޯދުމަށް ދިޔުމުން އެރަށުގެ ހާލަތު އެއަށްވުރެ ގޯސްކަން އެނގިގެން ދިޔައެވެ. މުއާސަލާތީ ޚިދުމަތް މެދުކެނޑިފައިވުމުން، ހާލުގައި ޖެހުނު މީހުންގެ ހާލަތު ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށްވެސް ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނެވެ.

ސުނާމީގައި ކާރިސާގައި ރާއްޖޭގެ ދެރަށެއް މީހުން ދިރިނޫޅެވޭ ވަރަށް ހަލާކުވެ ގޮސްފައެވެ. އެއީ ރ. އަތޮޅު ކަނދޮޅުދޫއާއި ތ. އަތޮޅު ވިލުފުށްޓެވެ. ވިލުފުށީގައި އަލުން އަލުން މީހުން އާބާދުކޮށްފައިވަނީ ސުނާމީގެ ޚާއްސަ ޕްރޮޖެކްޓެއްގެ ދަށުން އެރަށުގެ ފަޅު ހިއްކައި ކުރިން އޮތް ވިލުފުށްޓަށްވުރެ އެތައް ގުނަ ބޮޑު ސޭފް އައިލެންޑެއްގެ ގޮތުގައެވެ. ވިލުފުށި އަލުން އާބާދުވުމާ ހަމައަށް ގިނަ މީހުން އުޅުނީ ބުރުނީގައި ހެދި ވަގުތީ ހިޔާތަކުގައެވެ. ބައެއް މީހުން މާލެއަށްވެސް ބަދަލު ވިއެވެ. އަދި ކައިރި އެހެން ރަށްރަށުގައިވެސް އުޅުނެވެ. ކަނދޮޅުދޫ މީހުން އަލުން އާބާދުކޮށްފައިވަނީ އެއަތޮޅު ދުވާފަރުގައެވެ.

ސުނާމީގައި އެރި ރާޅުތަކުގެ އަސްލަކީ މޫސުމަށް އައި ބޮޑު ބަދަލެވެ. ރެކޯޑް ބަލަހައްޓަން ފެށިފަހުން 2020 ވަނަ އަހަރު ފާހަގަ ވެފައިވަނީ ދުނިޔޭގައި ދެވަނައަށް އެންމެ ހޫނު ގަދަވި އަހަރުގެ ގޮތުގައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް އިތުރަށް ގޯސްވަމުންދާވަރަކަށް ސުނާމީ ފަދަ މޫސުމީ ބޮޑެތި ކާރިސާތައް ގިނަވާނެ ކަމުގެ އިންޒާރުތައް މިހާރުވެސް ދަނީ ލިބެމުންނެވެ.

ސުނާމީއަކީ ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ދިވެހިން ގިނަ ފިލާވަޅުތަކެއް ލިބިގަންނަންޖެހޭ ކާރިސާއެކެވެ.

ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖޭގެ ޖިއޮގްރަފީއާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ ދެން ކުރިމަތިވެދާނެ މިފަދަ އިތުރު ރާޅަކާ ދެކޮޅަށް އަހަރެމެން ތެދުވެ މަސައްކަތް ކުރަންޖެހޭ ފަދަ ބޮޑު ޤައުމީ މައްސަލައެކެވެ. ރާއްޖޭގެ ކަނޑުތަކާއި ފަރުތައް ހިއްކުމުގެ ބުރަ މަޝްރޫޢުތައް ހިންގަމުން އަންނައިރު، މީގެ ސަބަބުން އަހަރެމެންގެ ފަރުތަކާއި ގޮނޑުދޮށްފަދަ ގުދުރަތީ ވަސީލަތްތައް ދަނީ ދުވަހެއް ދުވަހަކަށް ހީނަރުވަމުންނެވެ.

މީގެ 19 އަހަރު ކުރިން ގެއްލުނު ހުރިހާ ފުރާނައެއްގެ ހަނދާން އާކުރުމުގެ ގޮތުން، ތިމާވެށި ހިމާޔަތްކޮށް، އަހަރެމެންގެ ގެދޮރާއި، އަހަރެމެންގެ ރައްޔިތުންނާއި، އަހަރެމެންގެ ގޮނޑުދޮށްތަކަށް ކުރިމަތިވެދާނެ ކާރިސާތަކުން ރައްކާތެރިކުރުމަށްޓަކައި، ސަރުކާރުތަކުން މިކަންތަކާއި މެދު ސީރިއަސް ގޮތެއްގައި މަޝްވަރާކުރުމަކީ މުހިއްމު ކަމެކެވެ.

ސުނާމީ ކާރިސާ ވެގެން ގޮސްފައިވަނީ ދިވެހިންގެ ތެރެއިން ގިނައަދަދެއްގެ ބަޔަކު ނަފްސާނީ ބިރުވެރިކަމަށް ވެއްޓިގެން ގޮސްފައިވާ ބޮޑު ކާރިސާއަކަށެވެ. ރަށަށް ކިތަންމެ ކުޑަކޮށް ރާޅުގެ އަސަރު ކުރިކަމުގައިވީނަމަވެސް، ބޮޑު ބިރުވެރިކަމަކާއި، ހިތްދަތިކަމެއް މިކާރިސާގެ ސަބަބުން ދިވެހިންނަށް ކުރިމަތިވިއެވެ. ސުނާމީ ކާރިސާއަށް 19 އަހަރު ފުރިގެންދިޔަ ނަމަވެސް، މިދުވަހަކީ ދިވެހީންގެ ހިތްތަކުން ފިލައިގެން ނުދާނެ ދުވަހެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *