Tuesday, 28 July 2026

ކޮވިޑްގެ އާ ވޭރިއަންޓެއް ފެތުރެނީ، ސަމާލުވޭ!

ކޮވިޑުގެ އާ ވޭރިއެންޓެއް ހަލުވިކަމާއެކު ފެތުރޭތީ، މި ދުވަސްވަރު އިތުރަށް ސަމާލުވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ވަނީ މި ދުވަސްވަރު އެކި ޤައުމުތަކުގައި ކޮވިޑުގެ އާ ވޭރިއެންޓު ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށް ބުނެފަ އެވެ.

އަދި މިއީ ސްކޫލް ބަންދަށްވުމުން މި ދުވަސްވަރު ގިނަ ބަޔަކު ރާއްޖެ އާއި ރާއްޖޭން ބޭރަށް ދަތުރުކުރުމުގެ އިތުރުން، އުމްރާގެ އަޅުކަމަށް ދިޔަ ދިވެހިން އަންނާނެ ދުވަސްވަރަށް ވާތީ، އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ފުއްޕާމޭގެ ބަލިތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކޮވިޑްގެ އާ ވޭރިއެންޓް ކަމަށްވާ JN.1 މިމަހު 40 އަށްވުރެ ގިނަ ޤައުމަކުން ވަނީ ފެނިފަ އެވެ. ނަމަވެސް އަދި ރާއްޖެއިން މި ވޭރޮއަންޓް ފެނިފައިވާކަމަށް އެޗްޕީއޭއިން ބުނެފައެއް ނުވެއެވެ.

މި މަހުގެ ތެރޭގައި ވަރަށް ގިނަ ގައުމުތަކުން ވަނީ ކޮވިޑްގެ އާ ވޭރިއެންޓު، JN.1 ފެނި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފަ އެވެ. ނަމަވެސް އެޗްޕީއޭގެ ބަޔާނުގައި، މި ވޭރިއަަންޓް ފެނުނު ކަމަށް ބުނެފައެއް ނުވެ އެވެ.

އެޗްޕީއޭއިން ވަނީ މިދުވަސްވަރު އަރިދަފުން ރޯގާ ޖެހި، ކެއްސާ ކިނބިހި އަޅާއިރު އަނގައާ ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުން އަދި މާސްކް އެޅުމާ، އާއްމު ސާފުތާހިރުކަމަށް ސަމާލުވުން އަދި ހާއްސަކޮށް ސައިބޯނި ލައިގެން އަތްދޮންނަން ސަމާލުކަން ދިނުމަށް އިރުޝާދު ދީފައެވެ. މިގެއިތުރުން ރޯގާ ޖެހި، ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމާއި، މިދުވަސްވަރު ހޮސްޕިޓަލަށް ޒިޔާރަތް ކުރުން ވީހާވެސް މަދުކުރުމާއި، ރޯގާޖެހި ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް ބުނެފައި ވެއެވެ.

އެޗްޕީއޭއިން ވަނީ މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވާން މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާގޮތަށް ތަކެއްޗާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމުކަމަށް ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *