ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން، އުރީދޫ ފަން ރަން 2023 ކާމިޔާބުކަމާ އެކު އިއްޔެ ނިންމާލައިފި އެވެ.
އުރީދޫ ފަން ރަންގައި މި އަހަރު 6،000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވާއިރު ފަސް ކިލޯމީޓަރުގެ މި އުފާވެރި ދުވުން ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުން ފެށިގެން ގޮސް ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދެއެއްގެ ހިތްގައިމު މަގުތައް ހިމެނޭ ގޮތަށެވެ.
އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރެއްގެ ދުވުންތެރިން ބައިވެރިވާ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމުގެ އިތުރުން، މުޖުތަމައުގެ އެއްބައިވަންތަކަމާ އަދި އުފާވެރިކަން ފާހަގަކުރާ ދުވުމެކެވެ.
މި ދުވުމަކީ ހުރިހާ އުމުރެއްގެ ދުވުންތެރިން ބައިވެރިވާ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމުގެ އިތުރުން މުޖުތަމައުގެ އެއްބައިވަންތަކަމާއި އުފާވެރިކަން ފާހަގަކުރާ ދުވުމެކެވެ.
އުރީދޫ ފަން ރަން 2023 ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ލ. އަތޮޅުގެ ކައުންސިލް ރައީސް އިސްމާއިލް އަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޙާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ބޯޑް ޑިރެކްޓަރު ދީނާ ހުސައިން އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.
އުރީދޫ ފަން ރަންގައި ދުވުންތެރިން ކޮންމެ ކިލޯމީޓަރެއް ފުރިހަމަކުރަމުން ދިޔައިރު، ފަން ސްޓޭޝަންތަކުން މަރުހަބާ ކިޔައި ކުލަ އާއި އޮބްސްޓެކަލަސް އަފި މަޖާ ފޯމް ޕާޓީއެއް ފެނިގެންދިޔަ އެވެ.
މީގެ އިތުރުން، މި ދުވުން ނިމުނުއިރު ބައިވެރިން ވަނީ އެޑްވެންޗާ އަޕްގެ ބުލް ބޭޝް އާއި ގްލެޑިއޭޓާ ޑުއެލްގެ އުފާވެރިކަން ވެސް ފާހަގަކޮށްފަ އެވެ.
ދުވުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވަނީ އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލ. އަތޮޅުގައި ބޭއްވުމަށް އުރީދޫން ނިންމާފައިވާކަން އިއުލާނުކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގެ ތެރެއިން އުރީދޫ ފަން ރަންގެ ހިތްގައިމު ރޫހު ރަމްޒުކޮށްދޭ ރަމްޒީ ހަނދާނީ ފިލައެއް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ އަދި ލ. އަތޮޅު ކައުންސިލް ރައީސްގެ އިސްމާއިލް އަލީއަށް އަރުވާފައިވެ އެވެ.


