މިހާރު ކުރަމުންދަނީ ހުޅަނގު މޫސޫމުގެ ވިއްސާރަ ކަމުން، ކުރިއަށް އޮތް ދުވަސްތަކަކީ ވެސް ވިއްސާރަ ދުވަސްތަކެއް ކަމަށާއި ކުރިއަށް އޮތް ހަފްތާގައި ހާއްސަކޮށް މެދުރާއްޖެތެރެ އާއި ދެކުނަށް ބޯކޮށް ވިއްސާރަކޮށް، ހުރިހާ ހިސާބަކަށް ވެސް ގަދަވަޔާ އެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) މިއަދު އިލްތިމާސް ކޮށްފި އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެ އެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުން ނެވެ. މެޓުން މިއަދު އާއްމުކޮށްފައިވާ އާއްމުކޮށްފައިވާ ރެކޯޑުތަކުން ފެންނަގޮތުންް، އިއްޔެއިން ފެށިގެން މިއަދު ހެނދުނު 8 ޖެހުމާ ހަމަޔަށް އެންމެ ގަދައަށް ވިއްސާރަކޮށްފައިވަނީ ސ. ހިތަދޫ އަދި މާލެ އަށެވެ.
ވިލާގަނޑުގައި ހދ. ހަނިމަދޫ އަދި ހުޅުލޭގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ހުޅުލޭގައި ގަޑިއަކު 35 މޭލަށް އަދި ހަނިމާދޫގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މި ސަރަހައްދުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
ކައްދޫ، ކާޑެއްދޫ އަދި އައްޑޫ ސިޓީ ގަމުގައި ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މި ސަރަހައްދުތަކުގައި ކަނޑުތައް އާދައިވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ދެ ފޫޓާއި ފަސް ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.


