ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުސާރައިގެ ކުރިއެރުން އިޖްތިމާއީ ފަންޑަކަށް ހަދިޔާ ކުރެއްވުމަށް އެމަނިކުފާނު މިއަދު ނިންމަވައިފި އެވެ.
އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރައީސް، ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން އެދިފައި ނުވާނެ ކަމަށެވެ. އަދި އެ މުސާރަތައް ބޮޑުކުރުމަށް ބޭނުންފުޅު ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއްވެސް މަޝްވަރާއެއް ކުރުމެތް ނެތި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަ އިޖްތިމާއީ ފަންޑަކަށް ހަދިޔާކުރަން އަޅުގަނޑުމެން ނިންމައިފިން." ރައީސް ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހިމެނޭ ހެން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަތައް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ނިންމާފައެވެ. ސަރުކާރުން ބުނާ ގޮތުގައި މުސާރަތައް ބޮޑު ކުރުމަށަ ކޮމިޓީން ނިންމީ ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވެސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުންގެ މުސާރަ ބޮޑު ކުރުމަށް މަޖިލިހުގެ ކޮމިޓީއަކުން ނިންމީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަކާ ގުޅިގެން ނޫން ކަމަށެވެ. އަދި އެއީ ރައީސް ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ޝަހީބު ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރިންގެ މަޝްވަރާއެއް ހޯއްދެވުމަކާ ނުލައި މިފަދަ ހައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ކޮމިޓީއަކުން މި ދަނޑިވަޅު ނިންމީ ސަރުކާރާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކަމަށް ވެސް ޝަހީބު ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީން ވަނީ ރައީސް އާއި ނައިބު ރައީސް އާއި މަޖިލިހުގެ މެމްބަރުންގެ އިތުރުން މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް އާއި ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައް އަލުން ރިވިއުކޮށް، އެ މުސާރަތައް ބޮޑު ކުރުމަށް ނިންމައިފައެވެ.
މުސާރަތައް ބޮޑުކުރުމާއި ގުޅިގެން އާންމުންގެ ގިނަ ފާޑުކިއުންތަކެއް މަޖިލިހުގެ މެމްބަރުންނަށް ދަނީ އަމާޒުވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު މިހާރު ބުނާ ގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000ރ. އެވެ. ނައިބު ރަައީސްގެ މުސާރައަކީ މަހަކު 75،000ރ. އެވެ. އެކަމަކު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު ކޮމިޓީން ފާސް ކުރި ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000ރ. އަށް ބޮޑުކޮށް ނައިބު ރައީސްގެ މުސާރަ 93،000ރ. އަށް ބޮޑު ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ވަޒީރުންނަށް މިހާރު ލިބިވަޑައިގަންނަވާ 66،000ރ. ގެ މުސާރައިގެ ބަދަލުގައި 74،000ރ. އަށް ބޮޑު ކުރަން ވެސް އެ ކޮމިޓީން ވަނީ ނިންމައިފައެވެ.


