ކުރިއަށް އޮތް ފަސް އަހަރު ތެރޭ 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ފުރަތަމަ ތިން އަހަރު ހައްޖަށް ފޮނުވާނީ ހައްޖުގެ އަޅުކަން އަދާކުރެވޭ ފަދަ ސިއްހީ ހާލަތުގައި ތިބި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ނިކަމެތިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުން މީހުން ހައްޖަށް ފޮނުވުމުގައި އަމަލުކުރާނީ، ގައުމުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ކަނޑައެޅޭ އުސޫލެއްގެ މަތިންނެވެ. އެ އުސޫލާ ގުޅޭ ބައެއް ކަންކަން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ވަނީ ނިންމައިފަ އެވެ.
އޭގެ ބައެއް ނިންމުންތައް ހިއްސާކޮށް މިނިސްޓްރީން ބުނީ، މި ސިޔާސަތުގެ ދަށުން ހައްޖަށް ފޮނުވުމަށް ނިންމާފައިވަނީ ސިއްހީ ހާލަތު ތަންދޭ، އުމުރުން 70 އަހަރުން ދަށުގެ މީހުން ކަމަށެވެ. ފުރަތަމަ ތިން އަހަރު، 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުން އަދި ފަހު ދެ އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.
ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދޭނެ އެވެ.


