Tuesday, 28 July 2026

ކުޅުދުއްފުށިން ފައިލޭރިއާއަށް 17 މީހަކު ޕޮޒިޓިވް ވެއްޖެ!

ހދ. ކުޅުދުއްފުށިން ފައިލޭރިއާ ޖެހިފައިވާ 17 މީހަކު ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖޭން ނައްތާލާފައިވާ ފައިލޭރިއާ ޖެހިފައިވާ ބަޔަކު ފެނިފައިވަނީ ހދ. ކުޅުދުއްފުށިގައި މިމަހުގެ 1 އަދި 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ، ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކެމްޕޭނުގެ ތެރެއިންނެވެ.

އެޗްޕީއޭއިން ބުނީ، އެފަރާތްތަކަކީ އެއީ ފައިލޭރިއާ މިހާރު ވެސް ފެންނަމުންދާ ނުވަތަ "އެންޑެމިކް" ސަރަހައްދުތަކުން އައިސްފައިވާ ފަރާތްތައް ކަމަށާއި އެހެން ކަމުން އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް އެއިދާރާގެ ލަފާގެ މަތިން ކުޅުދުއްފުށީ ހޮސްޕިޓަލުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް ކުރެވުނު ޓެސްތްތަކުން 17 މީހަކު ފައިލޭރިއާއަށް ފައްސިވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ، މިހާތަނަށް ފައްސިވި މީހުންގެ ބަލި ހުރިތޯ ޔަގީން ކުރުމަށް އިތުރު ޓެސްޓް ހެދުމާއި ޓެސްޓުން ފައްސިވާ މީހުންނަށް ދޭންވާ ފަރުވާގެ ކަންކަން އިންތިޒާމު ކުރެވެމުން އަންނަ ކަމަށާއި މިއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ފައިލޭރިއާއަކީ އާންމުކޮށް ކިއުލެކްސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ، މި މަދިރި އުފެދި އާލާވަނީ އާންމުކޮށް ހަޑި ފެނުގައެވެ. ފައިލޭރިއާ ޖެހުމަށްފަހު އެތައް ދުވަހެއް ވަންދެން ބޭރަށް އަލާމާތެއް ނުފެނި ހުރެދާނެއެވެ. އެހެން ނަމަވެސް ދިގު މުއްދަތަކަށްފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުން، ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. މި ބަލީގެ އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *